އިބްރާހިމް ޒަކީ
އެކި އެކި އެއްބަސްވުންތަކާ ހިލާފްވެގެން، ދައުލަތުން އެކި ފަރާތްތަކަށް ފައިސާގެ ބޮޑެތި އަދަދު ތަކަކުން މިހާރު ބަދަލުޖޭންޖެހިފައިވާރޭޓުން އެކަން ކުރިއަށްދާނަމަ ދައުލަތް ބަނގުރޫޓުވުމަށް މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތް މެދުވެރިކޮށް ނުހައްގު ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު އިއްޔެ ދެއްކެވި ވާހަކައަށް ތާއީދު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވައިލާ ކޮމިޓީ އާއި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ، ވިޔަފާރިކޮށްގެން 1000 އަހަރުން ނުލިބޭނެ ފައިދާ، ބަދަލުގެ ގޮތުގައި ދައުލަތުން ހޯދުމަށް ބައެއް ފަރާތްތަކުން ދައުވާކުރަމުންދާ ކަމަށެވެ.
އެއީ ބޮޑު ޖަރީމާއެއްކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ، ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް އެ ޖަރީމާ ހުއްޓުވަންޖެހޭކަމަށެވެ.
ބަދަލުދޭން ޖެހޭ ބައެއް މައްސަލަ ތަކުގައި ކޯޓުން ބޭރުން ހައްލު ހޯދަން ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް، ޝަރީފް އިތުރަށް ވިދާޅުވީ، ސަރުކާރުން އައުޓް އޮފް ކޯޓު ސެޓްލް މެންޓް ހެދުމުގެ ބަދަލުގައި ގާނޫނަށް ބަދަލު ގެނަސްގެން ވިޔަސް އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.
އަދި ބަދަލުގެ ގޮތުގައި، އެފަދަ ފަރާތްތަކުން 1000 އަހަރުން ނުލިބޭވަރުގެ ބޮޑު ފައިދާއެއް ހޯދަމުންދާ މައްސަލައަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ސަމާލުވާންޖެހޭ ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އަލީ އާޒިމް އިއްޔެ ވިދާޅުވީ، ދައުލަތް މެދުވެރިކޮށް ނުހައްގު ބަދަލު ހޯދުމަކީ މިހާރު އެންމެ ހިނގާ ވައްކަން ކަމަށެވެ. އަދި އެ ވައްކަމަކީ، މިއަދު ހުރިހާ ކުންފުންޏަކުންވެސް ވަރަށް ކެރިގެން ކުރަމުން އަންނަ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ދައުލަތަށް އެތައް ގެއްލުންތަކެއް ވާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް މިހެން ވިދާޅުވެފައިވާ އިރު، ދައުލަތުން އަމިއްލަ ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލު ކުރުމުން ދައުލަތަށް ވަނީ، އެފަދަ ފަރާތްތަކަށް އެތައް މިލިޔަން ރުފިޔާގެ ބަދަލުދޭން ޖެހިފައެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ކޯޓުތަކުން ނިންމައި، އެކި ފަރާތްތަކަށް ދައުލަތުން ބަދަކުގެ ގޮތުގައި، ދޭންޖެހޭ އަދަދު 882 މިލިއަން ރުފިޔާއަށް އަރައެވެ.
އާބިޓްރޭޝަނުން ނިންމާފައިވާ ނިންމުމެއްގެ ސަބަބުން ކުންފުންޏަކަށް 17.89 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައިދޭންޖެހިފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.
މީގެ އިތުރުން އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކު އެމްޑީޕީގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް ބާތިލުކުރި މައްސަލައިގައި 348 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހުނު މައްސަލަވެސް ފާހަގަ ކޮށްލެވެއެވެ.