ނަސްރުގެ ދުވަހުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ކީރިތި ކުރައްވައިފިއެވެ.
ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަރަފްވެރި މެހެމާން އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ގައުމު އިސްކޮށްގެން ދިވެހި ސިފައިން ވަނީ އެތައް އަނދަވަޅަކަށް ވެއްޓެމުންދިޔަ މި ގައުމު ސަލާމަތްކޮށްދީފައި ކަމަށެވެ.
ކީރިތި ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ސިފައިން ގައުމު ސަލާމަތްކޮށްދިނުމުގައި ކޮށްދެމުންދާ މަސައްކަތަށް ދިވެހި ގައުމު ދަރާފައިވާ ދަރަނި ބޮޑު ކަމަށެވެ.
"ސިޔާސީ ނުފޫޒުން އެއްކިބާވެ، ގައުމު އިސްކުރައްވައިގެން ދިވެހި ސިފައިން ވަނީ އެތައް އަނދަވަޅަކަށް ވެއްޓެމުންދިޔަ މި ގައުމު ސަލާމަތްކޮށްދެއްވާފައި. އެކަމަށްޓަކައި ދިވެހި ސިފައިންނަށް ދިވެހި ގައުމު ދަރާފައިވާ ދަރަނި ބޮޑު. އަދާކުރަންޖެހޭ ޝުކުރު ގިނަގުނަ. ޖިޒީތައް ގިނަ،" އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ދިވެހި ތާރީހަށް ނަޒަރު ހިންގާއިރު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވެ، ގައުމުގައި ހަމަނުޖެހުން ހިނގައި، އަދި އުދުވާނީ ހަމަލާތައް ރާއްޖެއަށް ކުރިމަތިވެފައިވަނީ ވެރިކަމުގެ ކޮއިލުގެ ތެރޭގައި ނުވަތަ ވެރިކަންކުރާ ހާންދާނުގެ ތެރޭގައި ނުވަތަ އެނޫންވެސް ގޮތަކުން ވެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކާ ދެމެދުގައި އުފެދޭ ފިތުނަވެރިކަމުގެ ތެރެއިން ކަމަށެވެ.