އއ.ކުރަމަތި ރިސޯޓުގެ އެއާ ޓެކްސީ ޕްލެޓްފޯމްގެ ފައްތިޔަލުގައި އަޅާފައި އޮތް އެއާ ޓެކްސީ އެއް ކަހާލައިގެންގޮސް ދޯންޏެއްގައި ޖެހި ގެއްލުންވެއްޖެ އެވެ.
ޓީއެމްއޭގެ މި އެއާ ޓެކްސީ ކަހާލައިގެން ހިނގި މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ 6:14 ހާއިރުއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.
ފުލުހުން ބުނީ މިހާދިސާ ހިނގަން މެދުވެރިވީ ކޮޅިގަނޑެއްގައި ފައްތިޔަލާއެކު އެއާ ޓެކްސީ ކަހާލައިގެންގޮސް އެ ހިސާބުގައި އަޅާފައިއޮތް ސަޕްލައި ދޯންޏެއްގައި ޖެހިގެންނެވެ. މިހާދިސާގައި އެއާޓެކްސީއަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
މެޓް އޮފީހުން ވަނީ މި އީދު ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށްފައެވެ.
އެގޮތުން މިރޭއެކަނިވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެކަމަށާއި، ބައެއް ހިސާބުތަކަށް ވައި ގަދަވެ ގުގުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.