ޚަބަރު

ކަނޑު ދަތުރު ކުރުން ރައްކާތެރި ނޫން ކަމަށް ފުލުހުން ބުނެފި

މަރިޔަމް ޝަހުދާ

ކަނޑު ދަތުރު ކުރުން ރައްކާތެރި ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓްރޮލޮޖިކަލް ސެންޓަރުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައި ވަނިކޮށެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ބ. އަތޮޅާއި ދ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.

އެގޮތުން މިއަދު 19:00 އިން 21:30 އާއި ދެމެދު އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އެ ސަރަހައްދަށް ވިލާ ގަނޑުގައި 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ޓުވިޓެއް މެދުވެރިކޮށް ފުލުހުން ބުނި ގޮތުގައި މޫސުން ގޯސްވެ ކަނޑު ގަދަ ވުމާ ގުޅިގެން ދަތުރުކުރެއްވުން މިހާރު ރައްކާތެރި އެއް ނޫނެވެ. އަދި މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ތިއްބެވި ބޭފުޅުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސް ކުރެއްވި އެވެ.

މެޓް އޮފީހުން މޫސުމާ ގުޅޭ އެލާޓް ނެރެނީ ހަތަރު ލެވެލްއަކަށެވެ.

އެއީ ވައިޓް އެލާޓް، ޔެލޯ އެލާޓް، ރެޑް އެލާޓް އަދި ގްރީން އެލާޓް އެވެ.

މިގޮތުން ޔެލޯ އެލާޓް އަކީ މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުމެއް ވެދާނެކަމަށް ތައްޔާރުވުމަށް ލަފާދީ ނެރޭ އެލާޓެކެވެ. ޔެލޯ އެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.