ޚަބަރު

ބާ ކައުންސިލްގެ ގާނޫނަށް އަމަލުކުރަން ފެށިއިރު ތިބި ވަކީލުންނަށް އިތުރު ހުއްދައެއް ނެތި ވަކާލާތު ކުރެވޭނެ

ގާނޫނީ ފަންނުގެ ބިލު ފާސްކޮށް، އެ ގާނޫނަށް އަމަލު ކުރަން ފެށިއިރު ވަކީލު ކަމުގެ ހުއްދަ ލިބިފައި ތިބި ވަކީލުންނަށް އިތުރު ހުއްދައެއް ނަގަން ނުޖެހި، ދަށު ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޭން ބާ ކައުންސިލުން ނިންމައިފިއެވެ.

ބާ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައިވަނީ ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފަނޑިޔާރު ކަމުގައި މިހާރު ތިއްބެވި ބޭފުޅުން ފިޔަވައި އެހެން ހުރިހާ ވަކީލުންނަށް ވެސް، އިތުރު ހުއްދައެއް ހޯދުމެއް ނެތި ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.

އަދި އެ ދެ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އަލަށް އެދޭ ފަރާތްތަކަށް އެ ކައުންސިލުން އެކުލަވާލާ ގަވާއިދުގެ ދަށުން ހުއްދަ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އަދި އެ ވަކީލުންނަށް ތަހުގީީގީ އިދާރާތަކާއި އެހެން މުއައްސަސާތަކަށް ވެސް ހާޒިރުވުމުގެ ހުއްދަ އޮންނާނެ ކަމަށް އެ ނިންމުމުގައިވެއެވެ.

ނަމަވެސް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ މިވަގުތު އޮންނާނީ ގާނޫނަށް އަމަލު ކުރަން ފެށިއިރު ވެސް، އެކަމުގެ ހުއްދަ އޮތް ވަކީލުންނަށް ކަމަށް އެ ނިންމުމުގައިވެ އެވެ.

ދަށު ކޯޓުތަކާ ޚިލާފަށް، ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ދެނީ ވަކީލު ކަމުގައި ވަކި މުއްދަތެއްގެ ތަޖުރިބާ ލިބުމުން ނުވަތަ ކަނޑައެޅޭ ވަކި އަދަދެއްގެ މައްސަލަތަކެއްގައި ދަށު ކޯޓުތަކުގައި ވަކާލާތު ކުރުމުންނެވެ.