ގއ. އަތޮޅުގައި ބޭއްވި ''އުތުރު ހުވަދޫ ގުރުއާން މުބާރާތް''އިން އެއްވަނަ އަށް ދިޔަ ދެ ދަރިވަރަށް އުމްރާ ދަތުރެއްދީފިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ގއ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ފުވާދު މިއަދު ވިދާޅުވީ ގއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ގުރުއާން މުބާރާތުގައި ޖުމްލަ ފަންސާސް ތިން ދަރިވަރުން ބައިވެރިވިކަމަށެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ އިއްޔެ އެވެ.
އަތޮޅުގެ ފަސް ރަށަކުން ދަރިވަރުން ބައިވެރިވި މި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކުރީ ގއ. ވިލިނގިލި ދެވެލި، މުހައްމަދު މާހިން ސޮބުރީއެވެ. އަދި ހިތުން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކުރީ ގއ. ވިލިނގިލި ކެލާމާގެ، އިފުހާމް ހަސަނެވެ.
މި ދެ ދަރިވަރުންނަށް އުމްރާ ދަތުރު ދީފައިވަނީ ''އިޒިއާނޯ މޯލްޑިވްސް'' އިންނެވެ.
މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން ދެވަނަ ހާސިލުކުރީ ވިލިގިލި ހައިވަކަރުގެ، އައިޝަތު މިޝްކު ހަމީދެވެ. ތިންވަނަ ހާސިލުކުރީ ގއ. ގެމަނަފުށި ހަރުމަލުގެ، މާހާ ހުސައިނެވެ.
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަަ ހާސިލުކުރީ ގއ. ދާންދޫ އަމާޒު، އައިޝަތު އައިލީޝް ޝަމްހީދެވެ. އަދި ބަލައިގެން ކިޔެވުމުގެ ގޮފިން ތިންވަނަ ހާސިލުކުރީ ގއ. ވިލިނގިލި ބީޗް ހައުސް، އައިޝަތު އިނާނު ހަމްޒާއެވެ.
މީގެއިތުރުން މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ކައުންސިލަަކަށް ހޮވިފައިވަނީ ގއ. ކޮލަމާފުށި ކައުންސިލެވެ. އަދި ދެ ވަނައަށް ހޮވިފައިވަނީ ގއ. ވިލިނގިލި ކައުންސިލެވެ. ތިންވަނަ އަށް ހޮވުނީ ގއ. ނިލަންދޫ ކައުންސިލާއި ގެމަނަފުށި ކައުންސިލެވެ.
މިއަހަރުގެ އަތޮޅު ގުރުއާން މުބާރާތް ބާއްވާފައިވަނީ ނިލަންދޫގައެވެ.
މި މުބާރާތުގައި ހިތުން ކިޔެވުމުގެ ގޮފިން ވިހި ދަރިވަރުން ބައިވެރިވި އިރު، ބަލައިގެން ކިޔެވި ގޮފީގައި ތިރީސް ތިން ދަރިވަރުން ބައިވެރިވި އެވެ.
މުބާރާތުގެ ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ދީފައިވެއެވެ.
ފުވާދު ވިދާޅުވީ މި މުބާރާތަކީ އަތޮޅުގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖައްސުވައި، އަދި ގުރުއާން ކިޔެވުމުގެ ރޫހު ދަރިވަރުންގެ ހިތްތަކުގައި އާލާ ކުރުމަށް ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށެވެ.