ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް އީދު ސަލާމް ކުރައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ބަރަކާތްތެރި އަލުހާ އީދުގެ މުނާސަބަތުގައި އީދުގެ ތަހުނިޔާ ވިދާޅުވެ، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއި ނައިބު ރައީސް ފައިސަލް ނަސީމު، އީދު ސަލާމް ކުރައްވައިފިއެވެ.

ދެބޭފުޅުން ވެސް އީދު ސަލާމްކުރެއްވީ އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ކުރި އީދު ނަމާދުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު އިސްލާމީ މަރުކަޒުގައެވެ.

އީދު ނަމާދުގެ ޖަމާއަތުގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ އަދަދެއްގެ މީހުންނާ ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް އީދުގެ ތަހުނިޔާ ވިދާޅުވެ އީދު ސަލާމް ކުރެއްވިއެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދީންނާއި ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންނާއި އިސްރަށްވެހިންވެސް ހިމެނެއެވެ.

މިއަދު މުޅި އިސްލާމީ އުއްމަތް ފާހަގަ ކުރަމުން އަންނަ ބަރަކާތްތެރި އަލުހާ އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފަ އެވެ.

އަދި މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން ތިއްބެވި ދިވެހި ހައްޖާޖީންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އީދުގެ ތަހުނިޔާ ވިދާޅުވެ ބަރަކާތްތެރި އަލުހާ އީދުގެ ހެޔޮއެދުންތައް ފޮނުއްވައިފައެވެ.