އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފަސް ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގުޅިފައިވާ ރަށްތަކުގެ ތެރެއިން ބައެއް ގޭގޭގެ ފުރާޅު އެއްލާލައިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެގޮތުން ހިތަދޫން ގެޔަކާއި ފޭދޫން ގެޔަކާއި މީދޫން ގެއެއްގެ އިތުރުން ހުޅުދޫން ދެ ގެއެއްގެ ފުރާޅު އެއްލާލައިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މީގެއިތުރުން ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ތިނަދޫ ތިން ގެއެއްގެ ފުރާޅު އެއްލާލާފައިވާތީ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނިގޮތުގައި މިއަދު ރާއްޖޭގެ ބޮޑުބަޔަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓު އޮފީހުން މައުލޫމާތު ދެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި، އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.