ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ އެކި ހިސާބަށް ކުރާ ވިއްސާރައިގަ، ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސަުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މި ވިއްސާރައިގަ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
ބޯކޮށް ވާރޭވެހި، 55 މޭލަށް ވައިގަދަ ވެދާނެތީ، ލ.އަތޮޅުން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް މިއަދު ހަވީރު 5:00 އާ ހަމައަށް މޫސުމާބެހޭ އިދާރާއިން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އަދި މެދުރާއްޖެ ތެރޭގެ ރަށްތަކަށް 45 މޭލަށް ވައި ގަދަވާނެތީ، އެ ސަރަހައްދަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.
ކުރިއަށް އޮތް ގަޑިތަކުގައި، އާއްމު ގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ، އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.