ހައްޖު ކޯޕަރޭޝަން

މައާފުކުރުން އިސްކޮށް، ނަފުރަތުވުން ނައްތައިލަންޖެހޭ: ހައްޖު ހުތުބާ

ޝަހީދާ އަބްދުﷲ ސައީދު

މުސްލިމުން އެކަކު އަނެކަކަށް މައާފު ކުރުން އިސްކޮށް، ނަފުރަތުވުން ނައްތައިލަންޖެހޭ ކަމަށް ހައްޖު ހުތުބާގައި ގޮވައިލައްވައިފިއެވެ.

މިއަހަރުގެ ހައްޖު ހުތުބާ ވިދާޅުވެދެއްވީ ސައޫދީ އަރަބިއްޔާގެ އެންމެ ބޮޑެތި އިލްމުވެރިންގެ ކޮމިޓީގެ މެމްބަރު އަދި ހާދިލިމުލް ހަރަމައިނި އައްޝަރީފައިނި ކޮމްޕްލެކްސް ފޯރ ހަދީސްގެ ރައީސް އައްޝައިހު މުހައްމަދު ބިން ހަސަނެވެ.

މިއަދު އިއްވި ހައްޖު ހުތުބާގައި ޝައިހު ވަނީ، އެއްބަޔަކު އަނެއްބަޔަކަށް މައާފުކުރުމާއި، ސޮދަގާތް ކުރުމާއި ހެޔޮކަންތައްތައްކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް ނަސޭހަތްދީ ތަގުވާވެރިވުމަށް ގޮވައިލައްވައިފައެވެ.

މީގެއިތުރުން ގަނެ ވިއްކުމުގައި އޯގާތެރިވުމަށާއި އެއްބަޔަކު އަނެއްބަޔަކަށް ރަހުމްކޮށް، އަބަދުވެސް މައާފަށް އެދި ﷲގެ ހަޒުރަތުގައި ފާފަ ފުއްސެވުމަށްއެދި ދުއާ ދެންނެވުމަށްވެސް ހުތުބާގައި ގޮވައިލެއްވިއެވެ.

އަދި ހުރިހާ ޒަމާނެއްގައި ވެސް މުއުމިނުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް އޯގާތެރިވާ، ކުލުނުވެރިވާ، އަދި އެހީތެރިވާ ބައެއް ކަމަށާއި އެގޮތުން މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލުކަން ރަސޫލާގެ ހަދީޘެއްގައި ވެސް ބަޔާންކޮށްފައިވާކަން ޝައިހު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މުސްލިމުން ބައިބައިނުވުމަށް މާތްﷲ އަންގަވާފައިވާ ކަމަށާއި އެކަން ހާސިލުކުރުމަށް އެއް ބަޔަކު އަނެއް ބައެއްގެ މެދުގައި ނަފްރަތުވުން ނައްތާލަންޖެހޭ ކަމަށްވެސް ޝައިހް ވިދާޅުވިއެވެ.

ޝައިހު ވަނީ ދުނިޔެމަތީގައިވާ ކަންކަމަށް ވުރެ ދީނުގައި އަންގަވާފައިވާކަންކަންކޮށް، އެކަންކަމަށް ބޯލެނބުމަށް ގޮވައިލައްވައިފައެވެ. އަދި މުއުމިނުންނަށް ވުމަށް އެއްބަޔަކު އަނެއްބަޔަކަށް ހެޔޮ ނަސޭހަތްދީ ވަސިއްޔަތްކޮށް އިޖްތިމާއީ ގުޅުންތައް ރަނގަޅުކުރާ ބަޔަކަށްވުމަށްވެސް ހުތުބާގައި ގޮވައިލެއްވިއެވެ.

ޝައިހް ވިދާޅުވީ މީހުންނަށް އޯގާތެރިވާ މީހުންނަށް މާތްﷲ ގެ ހިފެހެއްޓުމެއް ނެތް ދަރުމަ އާއި ސަވާބު ލިބޭ ކަމަށާއި އެގޮތުން މައިންބަފައިންނާއި، ދަރީންނާއި، ގާތްތިމާގެ މީހުންގެ އިތުރުން ދިރޭތަކެއްޗަށް ވެސް އޯގާތެރިވާންޖެހޭ ކަމަށެވެ.

މިއަހަރު ރާއްޖެއިން 2000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސްފައިވާއިރު، ދިވެހި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.