މެޓް އޮފީސް

ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެ ކަމަކަށް ނުފެނޭ: މެޓް

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެ ކަމަށް ނުފެންނަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ ޑިއުޓީ ފޯކާސްޓާ ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައި ވީނަމަވެސް، އެފަދަ އެއްވެސް ކަމެއް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއަށް ފާހަގަކުރެވިފައި ނުވާކަމަށެވެ.

އެހެންކަމުން ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގަ އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތްކަމަށް ބުނެފައިވަނީ އިންޑިއާގެ މީޓިއޮރޮލޮޖިކަލް ސާވިސް ޑިޕާޓްމަންޓާ ހަވާލާދީ ''އިންޑިއާ ޓުޑޭ'' ނޫހުގައެވެ.

އެ ނޫހުގައި ބުނެފައިވަނީ ކޮޅިގަނޑު ތޫފަނަކަށް ބަދަލުވެ، އިންޑިއާގެ ބާރުގެ ދަށުގަ އޮންނަ މަލިކު ސަރަހައްދަށް ތޫފާނުގެ އަސަރު ކުރާނެކަމަށް ބެލެވޭކަމަށެވެ.

ނަމަވެސް މެޓް އޮފީހުން މިއަދު ބުނީ، ކުރިއަށްއޮތް ސައުވީސް ގަޑިއިރު ތެރޭގައި ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވާކަމަށާއި އަދި އުތުރުގެ މަދު ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

އަދި ދެކުނު އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އަދި މެދުތެރެއާއި އުތުރު އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، ހުރިހާ ހިސާބަކަށް ގަޑިއަކު ހަ މޭލާއި ސޯޅަ މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ބުންޏެވެ.

އެންމެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. މީގެއިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓު އޮފީހުން ބުނެއެވެ.

އިންޑިއާގެ ކަރުނާޓަކާ އާއި ކެރަލާ އާއި މަހާރަޝްތުރާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 90 އަށްވުރެ މައްޗަށް އަރައިފައެވެ.