ޚަބަރު

އީދުގެ އުފަލުގައި އެންމެން ބައިވެރިކޮށް، އިޖްތިމާއީ ގުޅުންތައް ގާއިމްކުރުން މުހިންމު: ރައީސް

އީދުގެ އުފާ ފާޅުކުރުންތަކުގައި، މުޖްތަމައުގެ އެންމެން ބައިވެރިކޮށް، އިޖްތިމާއީ ގުޅުންތަކާއި ގައއުމިއްޔަތުގެ ސިފަތައް ދިރުވައި އާލާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނެ މިހެން ވިދާޅުވީ ބަރަކާތްތެރި އަލްހާ އީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ހިތާބުގައި، އަލްހާ އީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ. އަދި، މި އުފާވެރި މުނާސަބަތުގައި އަމިއްލަ ގައުމާއި އާއިލާއާ މާ ދުރުގައި، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވަމުން ގެންދަވާ، އަހުންނާއި އުހުތުންގެ މަތިން ހަނދުމަފުޅު އާކުރައްވައި އީދުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ. މީގެއިތުރުން މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާ ހުރިހާ މުސްލިމުންނަށް، މަބްރޫރު ހައްޖަކަށް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންފައި ވެއެވެ.

އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ އީދަކީވެސް، އޭގައި ވަރަށް ފުރިހަމަ އިޖްތިމާއީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވާފައިވެއެވެ.

އަދި އުފާވެރިކަން ފާޅުކޮށް، ތަހުނިޔާއާއި ހެޔޮއެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި، އީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ މުޅި މުޖްތަމައުގައި އުފާވެރިކަން ފަތުރާލުން ކަމުގައިވެސް ރައީސުލްޖުމްހޫރިޔާގެ ހިތާބުގައިވެއެވެ.

މިފަދަ ކޮންމެ އީދަކީ ހީނަރުވެފައިވާ އާއިލީ ގުޅުންތައް، ބަދަހިކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުސަތެކަމަށާއި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އާއިލީ ވާޖިބެއްކަން ހަނދާނުގައި ބެހެއްޓެވުން ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.

އަދި، އަލްހާ އީދު އަންނަނީ ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން ކަމަށްވާއިރު، މި އީދުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީ، ކޮންމެ ކަމެއްގައިވެސް، މުޖްތަމައުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ އަދުލުވެރިކަމާއި ހަމަހަމަކަމުގެ މަތިވެރި އުސޫލުތައްކަމަށާއި، އެކަން މުޖުތަމައުގައި ފެތުރިގެންދާނީ، ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، އަނެކުންގެ މަސްލަހަތަށް އިސްކަންދީ، އަނެކުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.