ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ދިވެހި ހައްޖާޖީންގެ ހާލު ބައްލަވައިލައްވައިފި

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށް ގޮސްތިބި އެންމެހައި ހައްޖާޖީންގެ ހާލު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވައި ލައްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، އެ މަނިކުފާނު ދިވެހި ހައްޖާޖީންގެ ހާލު ބައްލަވައިލެއްވީ، ރާއްޖެއިން ހައްޖަށް ގޮސްތިބި އެންމެހައި ގްރޫޕްތަކާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޯނުން ގުޅުއްވާލައްވައިގެންނެވެ.

އެމަނިކުފާނު ދިވެހި ހައްޖާޖީންގެ ގްރޫޕްތަކާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ހުރިހާ ހައްޖުވެރިންނަށް މަބްރޫރު ހައްޖަކަށް އެދިވަޑައިގެން ހައްޖު ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު 2000 މީހުން ރާއްޖެއިން ހައްޖަށްދިޔައެވެ.

ހުރިހާ ހައްޖަޖީން މިއަދު އަރަފާތު ބިމަށް އެއްވެފައިވާއިރު، ދިވެހި ހުރިހާ ހައްޖާޖީންގެ ހާލު ވެސް ރަނގަޅުކަމަށް ދިވެހި ހައްޖު މިޝަން އިން މިއަދު ވަނީ ބުނެފައެވެ.