ޓެކްސީގެ މައްސަލަތައް

އިތުރަށް ފައިސާ ނެގި ހަ ޓެކްސީ ޑްރައިވަރަކު ޖޫރިމަނާ ކޮށްފި

މަރިޔަމް ޝަހުދާ

ޓެކްސީ ގަވައިދާ ހިލާފަށް، އިތުރަށް ފައިސާ ނެގި ހަ ޓެކްސީ ޑްރައިވަރަކު ފާއިތުވި ތިން ދުވަސް ތެރޭ ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން އެކުލަވާލައި އާންމު ކުރި އާ ޓެކްސީ އަގުތަކަށް މިމަހު ހަތްވަނަ ދުވަހު އަމަލު ކުރަން ފެށުމުން ފުލުހުން ވަނީ އެދުވަހު ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.

ޖޫރިމަނާ ކޮށްފައިވާ ހަ ޓެކްސީ ޑްރައިވަރުންނަކީ ޓްރާންސްޕޯޓުން ކަނޑައެޅި އަގުތަކަށް ވުރެ ގިނައިން ފައިސާ ނަގައި، ޓެކްސީ ތަކާމެދު ފިޔަވަޅު އެޅުމަށް ފުލުހުން ފެށި އޮޕަރޭޝަންގައި ޖޫރިމަނާ ކުރި ޓެކްސީ ޑްރައިވަރުންނެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި މި ޓެކްސީ ޑްރައިވަރުން ޖޫރިމަނާ ކޮށްފައިވަނީ މިމަހު ހަތަކާއި ނުވައަކާއި ދެމެދު އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އާ ޓެކްސީ އަގުތައް އިއުލާނުކޮށްފައިވަނީ މިމަހު އެއްވަނަ ދުވަހުއެވެ. މި އަގުތަކަށް މިމަހު ހަތް ވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާއިރު ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ވަނީ މިކަމާ ގުޅިގެން އިހުތިޖާޖުކޮށްފައެވެ.

ޓްރާންސްޕޯޓު އަދި ފުލުހުން ވެސް ވަނީ ގަވައިދާ ހިލާފުވާ ޑްރައިވަރުންގެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.

ޓްރާންސްޕޯޓުން ބުނެފައި ވަނީ ޑްރައިވަރުން ހިތްހަމަ ނުޖެހުނު ނަމަވެސް އަގުތަކަށް އިތުރަށް ބަދަލު ނުގެންނާނެ ކަމަށް ބުނެފަ އެވެ. މިހާރު އިއުލާނުކޮށްފައިވާ އަގުތަކަކީ ކުޑަ އަގުތަކެއް ނޫން ކަމަށް ވެސް ޓްރާންސްޕޯޓުން ވަނީ ބުނެފަ އެވެ.