ހައިކޯޓު

ރިލްވާންގެ މައްސަލަ އިސްތިއުނާފެއް ނުކުރޭ، ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދައްކަވާ: ހައިކޯޓް

1

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާ ކޮށްފައިނުވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.

ހައިކޯޓުން މިހެން ބުނެފައިވަނީ، ރިލްވާންގެ ގެއްލުވާލި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓްގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދިވަޑައިގެންފައިވާނެ ކަމަށް ޕީޖީގެ އޮފީހުން ބުނެ ކޮށްފައިވާ ޓުވީޓަކަށް ރައްދުދެއްވައެވެ.

ހައިކޯޓުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބިވަޑައިގަތުމުން މައްސަލަ އިސްތިއުނާފުކުރުމަށް ގަސްދުކުރައްވާކަމަށް ބުނެ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު ޕީޖީ އޮފީހުން ހައިކޯޓަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އެ ސިޓީގެ ޖަވާބުގައި، އޭގެ ހަތަރު ދުވަސް ފަހުން ހައިކޯޓުން ޕީޖީއަށް ފޮނުވި ސިޓީގައި، ފުރަތަމަ މަރުހަލާގެ ކޯޓަކުން ނުވަތަ ޓްރިބިއުނަލް އަކުން ނިންމާ ނިންމުން އިސްތިއުނާފަށް ހުށަހަޅަންޖެހޭ 10 ދުވަސް ފާއިތުވުމަށްފަހު ހުށަހަޅާ މައްސަލައެއްނަމަ، އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދިކަމުގައި ދަންނަވާފައިވާނެ ކަމަށް ހައިކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން ސިޓީން ކުރެއްވި މުއާމަލާތުގެ އިތުރުން ހައިކޯޓާއި ޕީޖީ އޮފީހާ ދެމެދު އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

"... 2018، 6 އޮގަސްޓުގައި މި ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ޖަވާބު ދީފައިވީ ނަމަވެސް، އެ ފަހުން އެއް އަހަރު ދުވަސްވެފައިވާ އިރުވެސް ދެންނެވުނު މައްސަލަ އިސްތިޢުނާފު ކުރައްވާކަށްވެސް އަދި އިސްތިޢުނާފު ކުރުމުގެ ހުއްދައަށް އެދިވެސް މި ކޯޓަށް ހުށަހަޅުއްވާފައެއް ނުވެއެވެ.،" ހައިކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ، ރައްޔިތުންގެ ހިތްތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އަގު ވެއްޓޭ ގޮތަށް ވާހަކަފުޅު ނުދެއްކެވުމަށާއި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ޓްވީޓު ނުކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އިލްތިމާސް ކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟