ޚަބަރު

ބިޝާމްގެ މައްސަލަ ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް އަދި ނުނިންމަން: އާޒިމް

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕަށް ހުށަހެޅި މަޝްވަރާ ކުރެވެމުންދާ ކަމަށާއި ނަމަވެސް އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޕީޖީ ބިޝާމްއަށް އިތުބާރު ނުކުރެވޭތީ އޭނާ ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް މައްސަލަ ހުށަހެޅީ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޖުޑިޝަރީ ކޮމެޓީގެ ނައިބް މުގައްރަރު މޫސާ ސިރާޖެވެ.

"ވަން" އަށް އާޒިމް ވިދާޅުވީ، އެ މައްސަލައާމެދު މަޝްވަރާ ކުރުމަށް ޕީޖީ ގުރޫޕަށް ވަނީ ހުށަހަޅައިފައެވެ. އަދި އެކަމާ ގުޅޭގޮތުން ޕީޖީ ގުރޫޕުގައި މަޝްވަރާ ކުރެވެމުންދާ ކަމަށާއި ނަމަވެސް އެފަދަ ކަންކަންދާނީ އޮންނަ އުސޫލުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އެ މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން، އެމްޑީޕީގެ ރައީސް އާއި ޗެއާޕާސަން އަދި ނައިބް ރައީސް ހިމެނޭ އެމްޑީޕީގެ ލީޑާޝިޕާ ވެސް މަޝްވަރާކޮށް އެބޭފުޅުން އެ މައްސަލައާމެދު ދެކިވަޑައިގަންނަވާ ގޮތް ވެސް ޕީޖީ ގުރޫޕާ ހިއްސާ ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ކުރީގެ ސަރުކާރުގައި މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުންގެ ނަންތައް ހުށަހަޅުއްވައި ވަކިކުރާ އުސޫލަކީ އެމްޑީޕީން ގަބޫލުކުރާ ގޮތެއް ނޫން. އަޅުގަނޑުމެންގެ އުސޫލަކީ މައްސަލަ ހުށަހެޅިފައިވާ ބޭފުޅަކަށް ޖަވާބު ދާރީވުމުގެ ފުރުސަތު ވެސް ދީގެން އެއަށްފަހު އެކަމާމެދު ގޮތެއް ނިންމުން،" އާޒިމް ވިދާޅުވިއެވެ.

ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕަށް ހުށަހެޅި ސިރާޖު ވިދާޅުވި ގޮތުގައި، މީގެ ތިން ހަފްތާ ކުރިން އެ މައްސަލަ ވަނީ ޕީޖީ ގުރޫޕަށް ހުށަހަޅައިފައެވެ.

އަދި އެ މައްސަލާގައި ޕީޖީ ގުރޫޕުގައި މަޝްވަރާކުރުމަށް ހުށަހަޅަން ނިންމީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގެން ކަމަށް ވިދާޅުވިއެވެ.