ޚަބަރު

ރާއްޖޭގައި ޚާއިނުންގެ ލިސްޓެއް ގެންގުޅޭ ކަމެއް ނޭނގޭ: މާރިޔާ

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގައި ޚާއިނުންގެ ލިސްޓެއް އޮންނަކަން އެނގިވަޑައިނުގަންނަވާ ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރާއްޖޭގައި ޚާއިނުން ތިބިކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ޚާއިނުންނަކީ ކޮބައިކަން ނިންމާނީ ކޯޓުތަކުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަކޮށް އެންމެން ގުޅިގެން ކުރިއަށް ދިއުމަށް މާރިޔާ ވަނީ ގޮވާލައްވައިފައެވެ. އަދި މިއަދު ފެނިގެންދަނީ މިނިވަންކަމުގެ އަގުވަޒަންކޮށް އެ މިނިވަންކަމާއެކު އާ އަޒުމެއްގައި ކުރިއަށްދާ މަންޒަރު ކަމަށް ވިދާޅުވިއެވެ.

ނަސްރުގެ ދުވަހާ ދިމާކޮށް ރާއްޖޭގައި ޚާއިނުންގެ ލިސްޓެއް ގެންގުޅޭކަން އެނގިވަޑައިނުގަންނަވާ ކަމަށް މާރިޔާ ވިދާޅުވި އިރު، މިއަދަކީ ރާއްޖެއަށް ދިން އުދުވާނީ ހަމަލާއަށް 30 އަހަރު ފުރުނު ދުވަހެވެ.

އޭގެ އިތުރުން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މާރިޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ބިނާވެފައިވަނީ މީހުން އިސްލާހު ކުރުމަށް ކަމަށާއި، ހުކުމް ތަންފީޒުކޮށް ނިމުމުން އިތުރަށް ސަގަރު ނާސިރުގެ ވާހަކައަށް ޖާގައެއް ނެތް ކަމަށެވެ. އަދި އެފަދަ މީހުން ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް ނުކުތުމުން ކުރީގެ ގޮތަށް ލޭބަލް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

''އަޅުގަނޑުމެންގެ ކްރިމިނަލް ޖަސްޓިސް ސިސްޓަމްއިންވެސް އަޅުގަނޑުމެން ވިސްނާފަ އޮންނާނީ މީހުން ރަނގަޅު މީހުންގެ ގޮތުގައި މުޖުތަމައުއަށް ނެރުން. އެމީހަކު ހުކުމް ތަންފީޒުކޮށް ނިމުނީމަ ދެން އިތުރަށް ދިވެހި ރައްޔިތުން އެ ހުކުމުގެ ވާހަކަ ދައްކާނެ ޖާގައެއް ނެތް. އެއޮތީ އެމީހަކަށް އެ ލިބެންޖެހޭ އަދަބު ހުކުމަށް ކޯޓުތަކުން ނިންމެވިގޮތަށް ނިމިފައި. ދެން އޭނަ މުޖުތަމައުއަށް ނިކުތީމާ އޭނަ އެގޮތަށް ލޭބަލް ކޮށްގެން ގެންގުޅުމަކީ އެއްވެސް އިރެއްގައި އަޅުގަނޑުމެން ކޮށްއުޅޭ ކަމެއްނޫން." މާރިޔާ ވިދާޅުވިއެވެ.

ދިވެހީންގެ ބަޔަކާއި ތަމަޅަ ޓައިގަރުންގެ ޖަމާއަތަކާ ގުޅިގެން ރާއްޖެ އަރައި 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވި އިރު، އެ އުދުވާނުގައި އަމަލީ ގޮތުން ބައިވެރިވި ސަގަރު އަހުމަދު ނާސިރަކީ މިހާރު ހުކުމް ތަންފީޒުކޮށް ނިމި، މުޖުތަމައަށް ނުކުމެފައިވާ މީހެކެވެ.

އަދި އެ މައްސަލައިގައި އިސް ދައުރެއް އަދާކުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއަކީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލި ފަހުން ފިލައިގެން އުޅޭ މީހެއް ކަމަށް ދިވެހި ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.