ޚަބަރު

ބިޝާމް ވަކިކުރަން ހުށަހަޅައިދޭން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި އެދިއްޖެ

1

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގައި އެދިއްޖެއެވެ.

ސިރާޖު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޖީ ބިޝާމަށް އިތުބާރު ނުކުރެވޭތީ އެ މަގާމުން އެކަމަނާ ވަކިކުރަން ފެންނާތީވެ އެކަން ޕީޖީ ގުރޫޕަށް ހުށަހަޅާފައިވާ ކަމަށެވެ.

މިނިވަން މުއައްސަސާތަކުން މީހުން ވަކިކުރުމަށް މެންބަރުންނަށް މަޖިލީހަށް ހުށަހެޅެން އޮތް ނަމަވެސް، ޕީޖީ ގުރޫޕުގައި މަޝްވަރާކުރުމަށްފަހު އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމީ އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދެކިވަޑައިގެން ކަމަށެވެ.

ޖުޑިޝަރީ ކޮމެޓީގެ ނައިބް މުގައްރިރުކަން ވެސް ކުރައްވާ ސިރާޖު އެ މައްސަލަ ޕީޖީ ގުރޫޕަށް ހުށަހެޅީ މީގެ ތިން ހަފްތާ ކުރިންނެވެ. ނަމަވެސް އެ މައްސަލަ އަދި ޕީޖީގައި ޝެޑިއުލް ކޮށްފައެއް ނުވެއެވެ.

ގާނޫނީ ވަކީލް ސިރާޖު "ވަން"އަށް މިރޭ ވިދާޅުވީ، ޕީޖީގެ މަގާމުން ބިޝާމް ވަކިކުރަން އޭނާ އެދިވަޑައިގަތީ މިދިޔަ ޖުލައި މަހުގެ 22 ވަނަ ދުވަހު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް އެކަމަނާ ހާޒިރުކޮށް ދެއްވި ޖަވާބުތަކުން އެކަމަނާއަށް އިތުބާރު ނުކުރެވޭތީ ކަމަށެވެ.

އެގޮތުން ޕްރޮސިކިއުޝަން ގައިޑް ލައިނާ އެއްގޮތަށް އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހަށް ޕީޖީން ރިޕޯޓް ހުށަހަޅަންޖެހޭ ކަމަށް ބުނެފައި އޮތްނަމަވެސް މިއަހަރުގެ މިހާތަނަށް އެންމެ ރިޕޯޓެއް ވެސް ފޮނުވާފައިނުވާކަން ސިރާޖު ފާހަގަކުރެއްވިއެވެ.

އަދި ވިދާޅުވީ، ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން ފުލުސް އޮފީހަށް ހާޒިރުކޮށް ރަހީނުކުރި މައްސަލަ އެނގިވަޑައިގަތީ އެކަން ހިނގިތާ ދުވަސްތަކެއް ފަހުން ކަމަށް ބިޝާމް ވިދާޅުވެ އިތުރުފުޅު ހެއްދެވުމަކީ ވެސް އެކަމަނާ ވަކިކުރަން ހުށަހެޅި ސަބަބެއް ކަމަށެވެ.

ބިޝާމް ވަކިކުރުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ޕީޖީ ގުރޫޕަށް ހުށަހަޅާފައިވާއިރު، ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މޭޑޭގެ މުޒާހަރާގައި ހައްޔަރުކޮށް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި ޕީޖީން ކަންތައް ކުރިގޮތުން ގިނަ ބަޔަކު ދަނީ އެކަމަނާއަށް ފާޑު ކިޔަމުންނެވެ.

ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިދޭން އެދިފައިވާއިރު މިއީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެކަމަނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެކަމަނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެ ފަހަރެއްގެ މަތިން ވަނީ ހުށަހަޅައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟