ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

އެމްއާރުއެމް ރަޖިސްޓްރީ ކުރަން މިމަހު ހުށަހަޅަނީ

1

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ރަޖިސްޓްރީ ކުރުމަށް މި މަހުގެ ތެރޭގައި ހުށަހަޅަން ނިންމައިފިއެވެ.

މޯލްޑިވިސް ރިފޯމް މޫވްމަންޓްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރަޖިސްޓްރީ ކުރަން ބޭނުންވާ 3000 މީހުންގެ ސޮއި މިހާރު ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އީދު ބަންދަށްފަހު މިމަހުގެ 20 ހާތަނުގައި އިލެކްޝަން ކޮމިޝަން (އީސީ)އަށް ފޯމްތައް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީމް ވިދާޅުވި ގޮތުގައި، އެމްއާރުއެމްއަށް މެންބަރުން ހަމަކުރުމުގައި ލަސްތަކެއް އައީ ޕާޓީ އުފައްދަން ދިން މުއްދަތަށްފަހު ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރޯދަ މަސް އެ ދޭތެރެއަށް އައުމުން ކަމަށެވެ.

ރައީސް މައުމޫން ފެއްޓެވި އިސްލާހީ ހަރަކާތް، މައުމޫން ރިފޯމް މޫވްމަންޓް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން މައުމޫން ނިންމެވީ، ޕީޕީއެމްގެ ރައީސް ކަމުން އެމަނިކުފާނު ދުރުކޮށް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޕީޕީއެމްގެ ހާއްސަ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.

އެއާއެކު މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު މައުމޫންގެ ފަރާތްޕުޅުން އެމްއާރުއެމްގެ މުއައްސިސްގެ ގޮތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަންއާ އިލެކްޝަން ކޮމިޝަން ޕާޓީ އުފެއްދުމުގެ ހުއްދަ ދިނެވެ. ނަމަވެސް ޕާޓީ އުފެއްދުމަށް އީސީން ދިން މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް އެ ހުއްދަ ބާތިލް ކުރަން ޑރ. ހަސަން ހުށަހެޅުއްވިއެވެ. އަދި ޔުމްނާ މައުމޫންގެ ނަމުގައި އެމްއާރުއެމް އުފެއްދުމުގެ އާ ހުއްދައެއް އީސީން ހޯދިއެވެ.

އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ވުމުން އެޕާޓީ ވެގެންދާނީ ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފައްދާ ތިން ވަނަ ސިޔާސީ ޕާޓީއަށެވެ.

ރައީސް މައުމޫން އިސް ހުންނަވާ އެންމެ ފުރަތަމަ އުފެއްދެވި ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އެވެ. އަދި ފަހުން މިހާރު ސަރުކާރާ އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދެވިއެވެ. ނަމަވެސް އެ ޕާޓީގެ ކޮންޓްރޯލް ރައީސް މައުމޫންގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޯއްދަވާ މައުމޫނާއި ޕީޕީއެމްގެ މުއައްސިސް އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވެސް ޕީޕީއެމުން ވަކިކުރިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟