ޚަބަރު

ވައްކަމުގެ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ޗުއްޓީ ދުވަސްވަރަކީ އާންމުކޮށް މާލޭގައި ވައްކަން ކުރުން އިތުރުވާ ދުވަސްވަރެކެވެ. އެގޮތުން މިއަހަރުގެ ބޮޑު ޗުއްޓީއަށް ގިނަ އަދަދެއްގެ ބަޔަކު އަތޮޅު ތެރެއަށް ފުރަން ފަށާފައިވާއިރު މިއަދު ވެސް ވައްކަމުގެ ދެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 11:30 އެހާކަންހާއިރު މާފަންނު ފަނޑިޔާރު މަގުގައި ހުރި ގެއަކުން ލެޕްޓޮޕެއް ވަގަށް ނެގިކަމުގެ ރިޕޯޓެއް ހުށަހެޅި ކަމަށެވެ. އަދި މައްސަލަ ހުށަހެޅިތާ ބައިގަޑި އިރެއްހާއިރު ތެރޭގައި ވައްކަން ކުރި މީހާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އޭނާ ވަގަށް ނެގި ލެޕްޓޮޕް، އޭގެ ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައިގެ އިތުރުން މިއަދު މެންދުރު 1:15 ހާއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ މޯބައިލް ފޯނާއި ތިން އިންޓާނަލް ހާޑް ޑިސްކު އަދި ތިން ޑީވީޑީ ޑްރައިވާއެކު 41 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ، އެ މީހާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ފެނުނީ ފުލުހުން ގަލޮޅު ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔައިރު އޭނާގެ އަމަލުތައް ހުރި ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރުމުން، އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން ކަމަށެވެ.

އެ މައްސަލަ ވެސް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.