ޚަބަރު

ވިއްސާރައާ ގުޅިގެން ކެރެލާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި

އާނިފާ ހުސެއިން ސިރާޖް

އިންޑިއާގެ ކެރެލާއަށް ބޯކޮށް ވާރޭވެހެމުންދާތީ އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ސަމާލުވެ ތިބުމަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލޭޓުން އިލްތިމާސްކޮށްފިއެވެ.

ބޯކޮށް ވިއްސާރަވެހި، ފެންބޮޑުވެ ކޯރުތައް ބަންޑުންވަމުން ދިއުމުގެ ސަބަބުން ކެރެލާގެ ސަރުކާރުން ވަނީ އެ ސަރަހައްދަށް އެލާޓުވެސް ނެރެފައެވެ.

މީގެ އިތުރުން ކޮޗިންގައި ހުންނަ އެއާޕޯޓު ވެސް ވަނީ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދުކޮށް ހިދުމަތްތައް މެދުކަނޑާލައިފައެވެ. މީގެ އިތުރުން ވިއްސާރައާ ގުޅިގެން ކެރެލާގެ ސަރުކާރުން ވަނީ އެ ސަރަހައްދުގެ ހުރިހާ ސްކޫލްތަަކެއް މިއަދަށް ބަންދުކޮށް ބައެއް ޔުނިވާސީޓީތަކުގެ ޓެސްޓުތައްވެސް ފަސްކޮށްފައެވެ.

އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނީ، މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ކެރެލާއަށް މޫސުން ގޯސްވާނެ ކަމަށެވެ. މި ވިއްސާރައާ ގުޅިގެން ނުވަ ސަރަހައްދަކަށް ރެޑް އެލާޓް ނެރުނު ނަމަވެސް، 12 ސަރަހައްދަކަށް ވިއްސާރައިގެ އަސަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ވިއްސާރައިގައި މިހާތަނަށް 14 މީހުން މަރުވެ، 22000 މީހުން 315 ރެފިއުޖީ ކޭމްޕްތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.