ޚަބަރު

ދިވެހި ހުރިހާ ހައްޖާޖީން ތިބީ މިނާގައި، އެންމެންގެ ހާލުވެސް ރަނގަޅު: އެމްބަސީ

އާނިފާ ހުސެއިން ސިރާޖް

ދިވެހި ހުރިހާ ހައްޖާޖީން ވެސް ތިބީ ހެޔޮ ހާލުގައި މިނާގައި ކަމަށް ސައުދީގައި ހުންނަ ދިވެހި އެމްބަސީން ބުނެފިއެވެ.

މިއަހަރު ވަނީ މައްކާގައި ދިވެހި ހައްޖު މިޝަން އޮފީހެއްވެސް ގާއިމްކޮށްފައެވެ. މި އޮފީސް މައްކާގައި ގާއިމްކޮށްފައިވަނީ ދިވެހި ހައްޖާޖީންގެ ކަންކަން ގާތުން ބެލުމުގެ މަގްސަދުގައެވެ. މީގެ އިތުރުން ދިވެހި ހައްޖު މިޝަން އޮފީހުގެ ފަރާތުން ދިވެހި ހައްޖާޖީންނަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މޮނީޓަރ ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖައްސައިފައެވެ.

ހައްޖާޖީންގެ ކަންކަން ރަނގަޅަށް ސުޕަވައިޒް ކުރުމަށް މިއަހަރު ހައްޖަށްދާ ހުރިހާ ހައްޖާޖީންގެ ފޯނުތަކުގައި ޓްރެކިންގ އެޕް ބޭނުންކުރުމަށް ސައޫދީގައި ހުންނަ ދިވެހި އެމްބަސީން، ހައްޖަށް މީހުން ގެންދާ ގްރޫޕްތަކާއި ކުންފުނިތަކަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެހެން އަހަރުތަކަށް ވުރެ ރަނގަޅަށް މިއަހަރު މީހުން ހައްޖަށް ގެންދިޔަ ގްރޫޕްތަކުން އިންތިޒާމްތައް ހަމަޖައްސަމުންދާކަން ވެސް ސައުތު އީސްޓް އޭޝިޔާގެ ހައްޖު މުއައްސަސާއިން ވަނީ ފާހަގަކޮށްފައެވެ.

މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށާއި އަމިއްލަ ފަސް ޖަމާއަތަކަށެވެ.

ރާއްޖެއަށް މިފަހަރު ހައްޖަށް މީހުން ގެންދިއުމަށް 2000 ކޯޓާ ލިބިފައިވެއެވެ. ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގުރޫޕު ފުރާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ. މާދަމާއަކީ މިއަހަރުގެ ހައްޖު ދުވަހެވެ.