ގއ. ގެމަނަފުށީގައި މިއަދު ހެނދުނުގެ ވަގުތެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، ދެމީހަކު ފިހިއްޖެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު މުސައްފިރު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ލޯންޗެއްގެ ފަހަތް ދިޔަ ހިއްކުމަށް ޕަންޕް ޖައްސަން ބެޓެރީގައި ދެ ނަރުކޮޅު ޖެއްސި ވަގުތު އަލިފާން ކަނި ބުރައި ޕެޓްރޯލުގައި ހުޅު ހިފައިގެން ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ލޯންޗުގެ ވެރިފަރާތާއި ލޯންޗު ކެޕްޓަނަށް ކަމަށްވެސް މުސައްފިރު އިތުރަށް ވިދާޅުވިއެވެ. އެއީ އެ ރަށަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ އަހްމަދު ނިގާފް އާއި މުހައްމަދު ޒާހިރު ހުސައިނެވެ.
މިހާރު އެ ދެމީހުންނަށް ގެމަނަފުށީ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާދެމުންނެވެ. އަދި މި ހާދިސާގައި ލޯންޗަށްވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.