ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ބޭބެ، ހ. ރީކޯގެ، އިބްރާހިމް މަނިކު (ރީކޯ އިބްރާހިމް މަނިކު) އަވަހާރަވެއްޖެއެވެ.
ރީކޯ އިބްރާހިމް މަނިކު މިއަދު އަވަހާރަވި އިރު، އޭނާގެ އުމުރަކީ 69 އަހަރެވެ. އޭނާގެ ޖަނާޒާ އޮންނާނީ އަސްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
ރީކޯ އިބްރާހިމް މަނިކަކީ މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ، އެ ޕާޓީގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން 3000 މެމްބަރުން ހަމަނުވާ ޕާޓީއެއް ކަމަށްވާތީ، އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލައިފައެވެ.
ރީކޯ އިބްރާހިމް މަނިކު ފާހަގަކޮށްލެވެނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އޭރު ސިޔާސީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެއްގެ ގޮތުގައެވެ.