ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށްޓަކައި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަކީ މިސަރުކާރުގެ ވައުދެއް ކަމަށެވެ.
އެގޮތުން މުދައްރިސުންގެ މުސާރަ ބޮޑުކުރުމަށްޓަކައި މިހާރު ކުރެވެމުން އަންނަ މަސައްކަތުގެ ތެރެއިން މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އަދި އިތުރުގަޑީގެ ފައިސާ ދިނުމުގައިވެސް ހެޔޮ ބަދަލެއް ގެނެސް މުދައްރިސުންގެ މަސައްކަތާ އެކަށޭނަ މުސާރައެއް ދިނުމުގެ މަސައްކަތްކުރަމުން އަންނަ ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މުދައްރިސުންނަށް ލިބެންޖެހޭ އެހެނިހެން އިނާޔަތްތައްވެސް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ޓީޗަރުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށާއި ހަގީގަތަށް ބަލާނަމަ މަސައްކަތާ އެކަށޭނަ އުޖޫރައެއް ނުދެވޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އޮނިގަަނޑަށް ގެނައި ބަދަލުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.