ރާއްޖެ އެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވުމަށް ދަ އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަނަލް (އިންޓަޕޯލް)ގެ ރާއްޖޭގެ ނޭޝަނަލް ސެންޓުރަލް ބިއުރޯ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި އެ އެއްބަސްވުމުގައި ކަސްޓަމްސްގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނެވެ. އިންޓަޕޯލް އެންސީބީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
ކަސްޓަމްސް އިން ބުނީ، މި އެއްބަސްވުމުގެ ބޭނުމަކީ މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެ ކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވުމާއި އަދި ރާއްޖޭގެ ބޯޑަރު ސަރަހައްދުގައި ހިންގާ ގާނޫނާއި ހިލާފު އަމަލުތައް ހުއްޓުވުމުގައި އިންޓަޕޯލް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ ގާނޫނުތަކުން ކަސްޓަމްސްއަށް މަތިކޮށްފައިވާ ބައިނަލްއަގްވާމީ ވިޔަފާރި އާއި ދަތުރުފަތުރަށް ރައްކާތެރި، ލުއިފަސޭހަ މާހައުލެއް ގާއިމްކޮށްދިނުމާއި ގާނޫނާއި ގަވާއިދާ ހިލާފު ހަރަކާތްތަކަށް ފާރަވެރިވެ ރާއްޖޭގެއަށް ވަދެނިކުމެވާ ދޮރާށިތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް އެއްބަސްވުމުގެ ދަށުން ހަރުދަނާ ކުރެވޭނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އަދި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ބޯޑަރު ސެކިއުރިޓީ ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާވެ، އިންޓަޕޯލް އާއި ކަސްޓަމްސްއާ ދެމެދު ފަސޭހަކަމާއެކު މައުލޫމާތު ބަދަލު ކުރެވޭނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.