ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ޑިމޮކްރަސީ ހަރުދަނާ ވުމަކީ ޔޫރަޕުގެ އިއްތިހާދާއި ރާއްޖެއާ އޮތް ގުޅުން ރަނގަޅުކުރުމަށް އެޅުނު ބިންގަލެއް"

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ޔޫރަޕްގެ އިއްތިހާދާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ހަރުދަނާ ބިންގަލެއް އެޅިފައިވާ ކަމަށް ޔޫރަޕު އިއްތިހާދުގެ ނައިބު ރައީސް ފެޑެރިކާ މޮގްރެނީ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި މޮގްރެނީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ޑިމޮކްރަސީގެ އުސޫލުތައް ކުރިއެރުވުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބުން ޔޫރަޕުގެ އިއްތިހާދާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުން ރަނގަޅުކުރުމަށް ހަރުދަނާ ބިންގަލެއް އެޅިފައިވާ ކަމަށެވެ.

މޮގްރެނީގެ ވާހަކަފުޅުގައި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ހޯއްދެވި ކާމިޔާބީއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރައްވައި އެކަމަށްޓަކައި މަރުހަބާ ވިދާޅުވިއެވެ.

އަދި ދެ ލީޑަރުން ވެސް ވަނީ ޔޫރަޕުގެ އިއްތިހާދާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ސަލާމަތީ ކަންކަމުގައާއި ފަތުރުވެރިކަމާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އިތުރަށް މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމުގެ ގޮތުން ކޮރަޕްޝަން ނައްތާލުމާއި ޝަރުއީ ނިޒާމު ހަރުދަނާކުރުމާ އަދި މިނޫސްވެސް ހިންގުމުގެ ދާއިރާ ހަރުދަނާކުރުމާއި ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ކަންކަމުގައި ޔޫރަޕުގެ އިއްތިހާދުން އެހީތެރިކަން ފޯރުކޮށްދެވިދާނެކަން މޮގްރެނީ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާ ޔޫރަޕުގެ ގައުމުތަކުގެ އިއްތިހާދާ ދެމެދު އޮންނަ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް އެކި ރޮނގުތަކުން ދެމުންގެންދާ މާލީ އެހީތެރިކަން ފާހަގަކުރައްވައި މޮގްރެނީއަށް ޝުކުރު އަދާކުރެއްވިއެވެ.

އެގޮތުން އީޔޫއިން ލޯން އެހީގެ ގޮތުގައި މިއަހަރު ދީފައިވާ 45 މިލިއަން ޔޫރޯ އަދި ގްރާންޓް އެގްރީމެންޓެއްގެ ދަށުން ފަސް މިލިއަން ޔޫރޯގެ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި ރާއްޖެއިން އީޔޫގެ ބާޒާރަށް ވިއްކާ ކަނޑުމަހާއި މަހުގެ އުފެއްދުންތަކުން ނަގައި ޑިއުޓީ ކުޑަކުރުމަށް މަގުފަހިކޮށްދިނުމާއި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ވިސާއާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.