ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޔޫރަޕުގެ އިއްތިހާދުގެ ނައިބު ރައީސް، ރައީސް ސޯލިހުއާ ބައްދަލުކުރައްވައިފި

ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެސިޑެންޓް ފެޑެރިކާ މޮގްރެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި ފެޑެރިކާ މޮގްރެނީ ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޔޫރަޕުގެ ގައުމުތަކުގެ އިއްތިހާދާ ދެމެދު އޮންނަ ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި މޮގްރެނީ ދެއްކެވި ވާހަކަފުޅުގައި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ހޯއްދެވި ކާމިޔާބީއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރައްވައި އެކަމަށްޓަކައި މަރުހަބާ ވިދާޅުވިއެވެ.

ދެ ލީޑަރުން ވެސް ވަނީ ޔޫރަޕުގެ އިއްތިހާދާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ހާއްސަކޮށް ސަލާމަތީ ކަންކަމާއި ފަތުރުވެރިކަމާއި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާ ފަދަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޔޫރަޕްގެ އިއްތިހާދުން ރާއްޖެއަށް އެކި ރޮނގުތަކުން ދެމުންގެންދާ މާލީ އެހީތެރިކަން ފާހަގަކުރައްވައި މިސް މޮގްރެނީއަށް ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން އީޔޫއިން ލޯނު އެހީގެ ގޮތުގައި މިއަހަރު ދީފައިވާ 45 މިލިއަން ޔޫރޯ، އަދި ގްރާންޓް އެގްރީމެންޓެއްގެ ދަށުން ފަސް މިލިއަން ޔޫރޯގެ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.