ޚަބަރު

''ޖަޒީރާ ހޮޅުއަށި'' ގެ ނަމުގައި އިބޫ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވަނީ

ޝަހީދާ އަބްދުﷲ ސައީދު

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ސޯލިހު) ''ޖަޒީރާ ހޮޅުއަށި'' ނަމުގައި ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވަން ނިންމަވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލިހުގެ ތަރުޖަމާނު މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ''ޖަޒީރާ ހޮޅުއަށި'' ގެ ނަމުގައި ދަރުބާރުގޭގައި ބާއްވާ ފުރަތަމަ ފޯރަމް އޮންނާނީ މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ.

މި ފޯރަމަކީ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ ފޯރަމެއް ކަމަށާއި، ފޯރަމްގައި ފުރަތަމަ މަޝްވަރާ ކުރައްވާނީ މާލޭގެ މަގުތަކާއި ބެހޭ ގޮތުން ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މާލޭގައި ސިލްސިލާކޮަށް ބާއްވާ ފޯރަމްގެ އިތުރުން އަތޮޅުތަކުގެ ރައްޔިތުންނާ މަޝްވަރާކުރެއްވުމަށް އިބޫ އަތޮޅުތަކަށް ވަޑައިގަންނަވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ސަރުކާރުން ކަންކަން ނިންމާނީ ރައްޔިތުންނާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށާއި، ރައްޔިތުންގެ އަޑުއެހުމަށް ފަހު، ސަރުކާރުގެ ޕްލޭންގެ ތެރެއިން ކަންކަން ފުޅާކުރަމުންދާނެ ކަމަށެވެ.