މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިންޑިއާއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު ހައްޔަރުކޮށްފި

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ، އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އިންޑިއާގެ ޗެންނާއިން ރާއްޖެއައި 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެގޮތުން އޭނާއާމެދު ތުހުމަތު ކުރެވޭތީ އޭނާގެ ލަގެޖު ބަލައި ފާސްކުރިއިރު ލަގެޖުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ފެނިފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި ޕެކިންނާއެކު ޖުމްލަ 395 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު އެ މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގެ އިތުރުން ބްރެޒިލް އިން އިއްޔެ ރާއްޖެ އައި 35 އަހަރުގެ ކޮސްޓަރިކާގެ އަންހެނެއްގެ އަތުން ވެސް ވަނީ މަސްތުވާތަކެތި ފެނިފައެވެ. ކަސްޓަމްސް އިން ބުނީ، އެ މީހާގެ ލަގެޖުގެ ތެރެއިން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ކަމަށާއި އެތަކެތީގެ ބަރުދަަނުގައި 2.1 ކިލޯ ހުރި ކަމަށެވެ.

އަދި މި ދެ މައްސަލާގައި އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 7.5 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.