ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބޭންކް އެކައުންޓަކަށް 4.2 މިލިއަން ޔޫރޯ (72 މިލިއަން ދިވެހި ރުފިޔާ) ޖަމާކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ރައީސް އޮފީހުން ދޮގު ކޮށްފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބޭންކު އެކައުންޓަށް 4.2 މިލިއަން ޔޫރޯ ޖަމާކުރި ކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވަނީ މިދިޔަ އަންގާރަ ދުވަހު ހުށަހަޅައިފައެވެ. އަދި އެ މައްސަލަ އެ ކޮމިޝަންގައި ވަނީ ރަޖިސްޓްރީ ވެސް ކޮށްފައެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ ހަސަން އިސްމާއިލް ވިދާޅުވީ، މެލޭޝިއާގެ އެއްވެސް ބޭންކެއްގައި ރައީސްގެ އެކައުންޓެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ރައީސްއަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، ދައްކަމުން އަންނަ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ސޯލިހުއާ ދެކޮޅަށް އޭސީސީއަށް ހުށަހެޅި ލިޔުން ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ މައްސަލާގައި ޖަމާކުރި ކަމަށް ބުނާ ފައިސާ ޖަމާކުރީ ކޮން ގައުމެއްގައި އޮތް ރައީސް ސޯލިހުގެ އެކައުންޓަކަށް ކަމެއް ބުނެފައެއް ނުވެއެވެ. އަދި އެ މައްސަލަ ހުށަހެޅި މީހާގެ ނަން އިންނަތަން ފޯމުން ވަނީ ފޮހެލައިފައެވެ.
ނަމަވެސް ރައީސް ސޯލިހާ ދެކޮޅަށް އޭސީސީއަށް މައްސަލަ ހުށަހެޅި މީހާއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި، ރައީސް ސޯލިހުގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން އެނގޭ ލިޔުންތަކެއް އޭނާއަށް ވަނީ ލިބިފައެވެ. އަދި އެ މައްސަލަ އޭސީސީއަށް ހުށަހެޅީ އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރަން ކަމަށް ވެސް ބުނެފައިވެއެވެ.