ޚަބަރު

ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުން ހުއްޓުވުމަށް އީޔޫއިން ރާއްޖެއަށް 43 މިލިއަން ރުފިޔާގެ އެހީއެއް

ފަތޯނާ ފާއިޒު

ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައި ދިއުން ހުއްޓުވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި އެހީވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 2.5 މިލިއަން ޔޫރޯ (43 މިލިއަން ދިވެހި ރުފިޔާ)ގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

މި އެހީ ރާއްޖެ އަށް ދިނުމަށް ނިންމާފައިވާކަން އިއުލާންކުރީ ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ އީޔޫ ކޮމިޝަންގެ ނައިބު ރައީސް ފްރެޑްރިކާ މޮގެރިނީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ތަގުރީރު ކުރައްވަމުންނެވެ.

އިންޑިއާ ކަނޑުގެ ސަލާމަތަށް އީޔޫއިން ވަރަށް ބޮޑަށް އިސްކަމެއްދޭކަން ފާހަގަކުރައްވާ ފްރެޑްރިކާ ވިދާޅުވީ، ޓެރަރިޒަމްއަކީ ސީރިއަސްކޮށް ނަގަން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި ޓެރަރިޒަމާއި ހައްދު ފަހަނައަޅާ ދިއުމުގެ މައްސަލަތައް ހައްލު ކުރުމަށް އީޔޫއިން އަބަދު ވެސް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، އީޔޫ އާއި ރާއްޖެއަކީ ބައިނަލްއަގްވާމީ މައްސަލަތަކުގައި އެއްގޮތް ވިސްނުންތަކެއް ގެންގުޅޭ ދެ ފަރާތް ކަމަށާއި އެގޮތުން މޫސުމަށް އަންނަ ބަދަލުތައް ފަދަ މައްސަލަތަކުގައި ދެ ފަރާތުން ގެންގުޅެނީ އެއް ވިސްނުމެއް ކަމަށެވެ.

އޭގެ އިތުރުން ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އީޔޫއިން އަބަދު ވެސް ރާއްޖެއަށް އެހީވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.