ޔޫރަޕުގެ އިއްތިހާދުގެ ހާރިޖީ އަދި ސަލާމަތީ ސިޔާސަތާ ބެހޭ އެންމެ މަތީ ވެރިޔާ، އަދި އެ އިއްތިހާދުގެ ކޮމިޝަންގެ ނައިބު ރައީސާ، ފެޑެރިކާ މޮގެރީނީ، މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މިއަދުގެ ހެނދުނު، ދިފާއީ ވުޒާރައިގައެވެ.
މި ބައްދަލުވުމުގައި ސަލާމަތީގޮތުން ދިވެހިރާއްޖެއާއި ޔޫރަޕުގެ އިއްތިހާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި ދިވެހިރާއްޖެއާއި ޔޫރަޕުގެ އިއްތިހާދާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައި ވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
މި ބައްދަލުވުމުގައި، މިނިސްޓަރ އޮފް ޑިފެންސްގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މުގުރީނީގެ މި ދަތުރުފުޅުގައި މިއަދު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާ ވެސް ބައްދަލު ކުރައްވައިފަ އެވެ.