މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

އީދު ބަންދުގައި އެއާޕޯޓުގެ ފުރާ ގިމަތަ ބަސް ސްޓޮޕެއް ގޮތަށް ބޭނުން ކުރަނީ

ފަތޯނާ ފާއިޒު

މިއަދުން ފެށިގެން މާލެއިން ހުޅުލެއަށް، އަދި ހުޅުމާލެއިން ހުޅުލެއަށް ދަތުރު ކުރާ ބަސްތައް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ފުރާ ގިމަތަ، ދޮރުމައްޗަށް މަޑުކޮށް ފަސިންޖަރުންނާއި ލަގެޖު އަރުވައި ބާލާ ބަސް ސްޓޮޕެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކުރި ޓްވީޓެއްގައި ވަނީ އެކަން އިއުލާން ކޮށްފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އެގޮތަށް ހަމަޖައްސާފައިވާއިރު، އަލްހާ އީދުގެ ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރު ކުރާ މިންވަރު އިތުރު ވާނެތީ ބަހުގެ ހިދުމަތް އަވަސްކުރަންވެސް އެ އޮތޯރިޓީން ވަނީ ނިންމާފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ރޭ ކުރި ޓްވީޓެއްގައި ބުނީ، އީދު ބަންދުގެ ދުވަސްތަކުގައި ކޮންމެ 30 މިނެޓަކުން މާލެއާ ހުޅުލެއާ ދެމެދު ބަސް ދަތުރުގެ ހިދުމަތް ދޭނެ ކަމަށެވެ. އަދި މާލޭގެ ތިން ބަސް ސްޓޮޕަށް ވެސް އެއާޕޯޓު ބަސް މަޑުކުރާނެ ކަމަށާއި، މުދަލާއި ފަސިންޖަރުން އަރުވާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ފަހަރުގެ އީދު ބަންދަށް ނުވަ ވަރަކަށް ދުވަސް ލިބޭތީ ގިނަ ބަޔަކު އަންނަނީ އާއިލާ އަދި ރައްޓެހީންނާ އެކު އެކި ތަންތަނަށް އީދު ޗުއްޓީއަށް ފުރަން ތައްޔާރުވަމުންނެވެ. އެގޮތުން މިއަދު ވެސް ގިނަ ބަޔަކު ވަނީ ފުރައިފައެވެ.