އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ

ޕްރައިމަރީ ސްކޫލުތަކުގައި ތަމްރީނު ނުހަދައި ތިބި 634 ރިލީފް ޓީޗަރުން އެބަތިބި: އެޑިއުކޭޝަން މިނިސްޓަރު

މަރިޔަމް ޝަހުދާ

ޕްރައިމަރީ ސްކޫލުތަކުގައި އަންޓްރެއިނިންޑް (ތަމްރީނު ނުހަދައި ތިބި) 634 ރިލީފް ޓީޗަރުން އެބަތިބި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އައިޝާ މިހެން ވިދާޅުވީ ޕްރައިމަރީ ގްރޭޑް ތަކަށް ބިދޭސީ ޓީޗަރުން ގެންނާން ނިންމުމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ

ރައީސް އޮފީހުގައި މިއަދު ކުރިއަށް ބޭއްވި އެޑިއުކޭޝަން މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ ސަރުކާރުން އެންމެ ބޭނުންވަނީ ދިވެހިން ދިވެހި ކުދިންނަށް ކިޔަވައި ދިނުމަށް ސްކޫލްތަކުގައި ތިބެން ކަމަށެވެ. ނަމަވެސް ދިވެހިން ނެތް ކަމުގައި ވީނަމަވެސް ކިޔަވައިދޭނެ ޓްރެއިންޑް ޓީޗަރުން ސްކޫލުތަކުގައި ތިބެން ޖެހޭ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ޕްރައިމަރީ އަކީ ދަރިވަރުންގެ ކިޔެވުމުގެ ބިންގާ އެޅިގެންދާ ސްޓޭޖަށް ވާއިރު، ތަމްރީނު ލިބިގެން ތިބި މުދައްރިސުން ނެތި ޓީޗަރުން އައިސް ދަރިވަރުންނަށް ކިޔަވައިދޭން އުޅުމުގެ ތެރެއިން ކުދިން ކިޔެވުން މަތިން ފޫހިވެސް ވެދާނެ ކަމަށެވެ.

''މީ ދަރިވަރުން ކިޔެވުން ފަށާ ސްޓޭޖް. މި ސްޓޭޖުގައި ޓްރެއިންޑް މުދައްރިސަކު ނެތި ޓީޗަރު އައިސް ދަރިވަރަށް ކިޔަވައިދޭ އެއްޗެހީގެ ސަބަބުން ހަގީގަތުގައި އެކުއްޖާ ކިޔެވުން މަތިން ފޫހިވެސް ވެދާނެ. މުދައްރިސަކަށް ވެވޭނީ ވަކިކަހަލަ ތަމްރީނުތަކަކާ އެއްކޮށް.'' އައިޝާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބިދޭސީ ޓީޗަރުން ހޯދުމަށް އިއުލާނު ކުރީ މިކަންކަމަށް ބައްލަވާފަ ކުރެވުނު މަޝްވަރާތަކުން ސްކޫލްތަކަށް ބޭނުންވަނީ ޓްރެއިންޑް ޓީޗަރުންކަން ފާހަގަ ވުމުން، މިހާރު އޮތް ''ނީޑަށް ކޭޓާ ކުރުމަށް'' ކަމަށެވެ.

''ރަނގަޅު މުދައްރިސަކު ކުލާސްރޫމަށް ވެއްދުމަށްޓަކައި ހަގީގަތުގައި އަޅުގަނޑުމެންނަށް ބޭނުންވޭ ތިން އަހަރު ދުވަހު ފޭސް-ޓު-ފޭސްކޮށް އެޓީޗަރަށް ތަމްރީނު ދޭން. ބްލޮކްމޯޑަށް ހިންގައިގެން ނުވަަތަ ސެމެސްޓާއެއްގަ ދެފަހަރު އައިސް ލެކްޗަރާއަކާ ބައްދަލުކޮށްލާފަ އެ ކިޔަވައިދޭ ކިޔަވައި ދިނުމަކުން ހަގީގަތުގަ ރަނގަޅު ޓީޗަރެއް ބިނައެއް ނުކުރެވޭނެ.''

މިނިސްޓަރު ވިދާޅުވީ މިހާރު އެޑިއުކޭޝަނުން އެކުލަވާލާފައިވާ ޕްލޭނަކީ ރަނގަޅަށް ފޭސް-ޓު-ފޭސްކޮށް ތަމްރީނު ދިނުމަށް ފަހު ޓީޗަރުން ކްލާސްރޫމަށް ވެއްދުން ކަމަށެވެ. އަދި މިކަން ވަންދެން ވެސް ޓްރެއިންޑް ޓީޗަރުންތަކަކާ ދަރިވަރުން ހަވާލުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ބޭރުން މުދައްރިސުން ގެންނައިރު ވީހާވެސް ކޮލިޓީ ރަނގަޅު، ޓްރެއިންޑް ޓީޗަރުން ގެނެވޭތޯ ބައްލަވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން މުދައްރިސުން ގެންނާނީ އިންޑިއާއިން އެކަނި ނޫން ކަމަށާއި ސްރީލަންކާ، ބޫޓާން އަދި ފިލިޕިންސް ފަދަ ގައުމުތަކުން ވެސް ފުރާނައިގެން ރަނގަޅު ޓީޗަރުން ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އައިޝާ ވިދާޅުވީ ދަރިވަރުން ސެކަންޑްރީއަށް ދާއިރު ރަނގަޅު ތައުލީމީ ބިންގަލެއް އެޅިފައިވުމަކީ މުހިއްމު ކަމެއް ކަމަށެވެ. ޕްރައިމަރީގައި އަންޓްރެއިންޑް ޓީޗަރުން ތިބެގެން މިކަން ހާސިލުވާން ނެތް އިރު، މިވަގުތަށް އެންމެ ފައިދާ ބޮޑީ ބިދޭސީ ޓީޗަރުން ގެނެސްގެން ދަރިވަރުންނަށް ކިޔަވައިދީ ދިވެހި ޓީޗަރުންނަށް ތަމްރީނު ދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.