ރައީސް ޔާމީން

ތަރައްގީގެ މަޝްރޫއުތަކަށް ފާޑުކިޔާނެ ވަރަކަށް ފާޑުކިޔަންވީ: ރައީސް

މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ފާޑުކިޔާނެ ވަރަކަށް ފާޑުކިޔަންވީ ކަމަށާއި އެކަމުގައި މަނަލެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހދ. ކުޅުދުއްފުށީ އެއާޕޯޓާއި އެމްޑަބްލިއުއެސްސީއިން އެ ރަށުގައި ހަދާފައިވާ ބޮޓްލައިން ޕްލާންޓް ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހުރިހާ އުމުރުފުރައެއްގެ މީހުން ހިޔާލު ފާޅުކުރަންވީ ކަމަށާއި ސަރުކާރަށް ފާޑުކިޔާ ވަރަކަށް ފާޑުކިޔަންވީ ކަމަށެވެ.

"ޑިމޮކްރަސީގައި އަޅުގަނޑުމެން ބޭނުންވާ ކަމަކީ އަޅުގަނޑުމެންގެ ޒުވާނުން ހިޔާލު ފާޅުކުރުން. ހުރިހާ އުމުރުފުރައެއްގެ މީހުން ހިޔާލު ފާޅުކުރަންވީ. މިއަދު އަޅުގަނޑު ހުރިހާ ޒުވާނުންނަށް ދަންނަވާނަން، ސަރުކާރަށް ފާޑުކިޔާ ވަރަކަށް ފާޑުކިޔާށޭ. އޭގައި މަނަލެއް ނެތް. ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތަކަށް ފާޑުކިޔާނެ ވަރަކަށް ފާޑުކިޔަންވީ،" އެމަނިކުފާން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރަކުން ޒުވާނުންގެ އަނގައަކު ޒުވާނުންގެ ދުލަކު އަޅުގަނޑު ނުހިފަހައްޓާ ކަމަށާއި އެމަނިކުފާނު ކުރީ އެންމެ ދެ ކަމެއް ކަމަށެވެ. އަދި އެ ކަންކަން ކޮށްފައިވާނީ ގައުމުގެ ހައްގުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެން މިއަންނަނީ އެއްވެސް ކަހަލަ އަސާސެއް ނެތި، އެއްވެސް ކަހަލަ ސާބިތު ކަމެއްނެތި މީހުންގެ އަބުރާ ބެހި، މީހުންގެ އަބުރު ނަގާލާ މައްސަލައިގައި،
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

"އަޅުގަނޑު ކުރީ ހަމައެކަނި އެންމެ ދެ ކަމެއް. އެ ދެ ކަމަކީ އަޅުގަނޑު މުޅި ގައުމުގެ ހައްގުގައި އަޅުގަނޑު ކުރި ދެ ކަމެއް. އެއީ މުރުއްވަތްތެރިންނާއި އަބުރުވެރިންގެ އަބުރު ރައްކާތެރިކުރުމަށްޓަކައި އަޅުގަނޑު ކުރަން ޖެހުނު ކަމެއް. ހަމައެކަނި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެން މިއަންނަނީ އެއްވެސް ކަހަލަ އަސާސެއް ނެތި، އެއްވެސް ކަހަލަ ސާބިތު ކަމެއްނެތި މީހުންގެ އަބުރާ ބެހި، މީހުންގެ އަބުރު ނަގާލާ މައްސަލައިގައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިޔާލު ފާޅުކުރި ނަމަވެސް ގައުމުގެ ސަލާމަތީ ބާރުތަކާ އެއްވެސް ގޮތަކަށް ބެހެވިގެން ނުވާނެ ކަމަށާއި ގައުމުގެ ސަލާމަތީ ބާރުތަކުން ކުރާ ކަންކަމާއި ސާބިތު ނުހިފޭ ގޮތަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.

"އެހެން މިދަންނަވާ ސަބަބަކީ އަޅުގަނޑުމެންގެ ރާއްޖޭގައި މުޒާހަރާ ހިންގަމުން ދާއިރު ބޭރުގައި ތިބެގެން އަޅުގަނޑުމެންގެ އެކިއެކި މީހުން އެބަ ބުނަމުންދޭ ރާއްޖޭގައި މިހާރު ސިފައިން ނުކުތީ ހަތިޔާރު ހިފައިގެން ރައްޔިތުންނާ ކުރިމަތިލާށޭ. އަޅުގަނޑުމެން މުޒާހަރާ ކޮންޓްރޯލް ކުރަންޖެހޭ ހިސާބަށް ދިޔައީމަ މުޒާހަރާ ކޮންޓްރޯލްކުރާނެ. އެކަމަކު ސިފައިން، އަސްކަރިއްޔާއިން ހަތިޔާރު ހިފައިގެން ރާއްޖޭގެ މަގުތަކުގައި ހަރަކާތްތެރިވެއޭ ބުނީމަ، މިއީކީ އަޅުގަނޑުގެ ޑިމޮކްރަސީއެއްގައި އަޅުގަނޑު ޖާގަ ދޭނެ ކަމެއް ނޫން. އެހެންވީމާ މިކަހަލަ ކަންކަން އަޅުގަނޑު ހުއްޓުވައިގެން މިއުޅެނީ،" ރައީސް ވިދާޅުވިއެވެ.