ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް އެޑިއުކޭޝަނުން ބަދަލު ގެނެސްފިއެވެ.
އެޑިޔުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ ތައުލީމީ ދާއިރާގެ ކަންކަމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އޮނިގަނޑަށް ބަދަލު ގެންނެވީ ރައީސް އޮފީހާއި ވެސް ގުޅިވަޑައިގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ މުސާރައާއި ގުޅިގެން ޓީޗަރުންގެ ފާޅުކުރާ ކަންބޮޑުވުންތައް ގަބޫލުކުރައްވާ ކަމަށާއި އެއީ މިނިސްޓްރީގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ. ޓީޗަރުންގެ އޮނިގަނޑަށް މިގެނައި ބަދަލަކީ ޓީޗަރުންގެ މުސާރައާއި ގުޅިގެން ކުރިމަތިވާ މައްސަލަތަަކަށް ހައްލެއް ގެނައުމަށް ގެންނެވި ބަދަލެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރުވެސް އިތުރުގަޑިޔަށް ގެނެވޭނެ ބަދަލުތައް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ، އަދި މި ހުރިހާ ކަމެއް ވީހާވެސް އަވަހަކަށް އިއުލާނު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.
މިނިސްޓަރު އައިޝާ ވިދާޅުވީ ޓީޗަރުންގެ މައްސަލަތައް ފަރަށް ކައިރީން ބައްލަވަމުން ގެންދަވާ ކަމަށާއި ޓީޗަރުންނާއި ސްކޫލުތަކާއި ޓީޗަރުންގެ ޖަމިއްޔާއާ އެކު ވެސް އެޑިޔުކޭޝަނާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް ގާއިމުވެފައި އެބަ އޮތް ކަމަށެވެ.
ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅު ތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
ޓީޗަރުންގެ މުސާރަ ބޮޑުކޮށް އެކަން އިއުލާނުކުރެވޭނެ ސީދާ ވަކި ދުވަހެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ޓީޗަރުންގެ މުސާރައިގެ މައްސަލަ ދިގު ދެމެމުން އަންނަ އިރު، މި މައްސަލަ އަކީ ފާއިތުވި ސަރުކާރުތަކުގައި ވެސް އުއްމީދުތަކެއް ދީ އެހެން ނަމަވެސް ހައްލު ނުވެ އޮތް ސީރިއަސް މައްސަލަ އެކެވެ.