މީހުން ބިނާކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން ކަމަށާއި އެކަމުގައި އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށްވެސް، ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އުރީދޫން ރާއްޖެއަށް އަލަށް އީ ކޮމާސް ޕްލެޓްފޯމް "މޫލީ" ތައާރަފު ކުރުމަށް ކުރުނބާ އައިލެންޑް ރިސޯޓުގައި ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރުވެސް އެ ދައުރު އަމިއްލަ ކުންފުނިތަކުން އަދާކުރަމުން އަންނަ ކަމަށެވެ.
އެހެންނަމަވެސް، އެ ދައުރު މިހާރަށްވުރެ ފުޅާކޮށް، އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެވޭނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ޒަމާނުގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީ ކަމަށެވެ.
"ވަކިން ހާއްސަކޮށް ޑިޖިޓަލް ޓެކްނޮލޮޖީގެ ދައުރު މާ ބޮޑު. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މުވާސަލާތީ ކަންކަމަށްފަހު، ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ބޮޑަށް ހިފަނީ، ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގައި" ރައީސް ސޯލިހު ވިދާޅުވިއެވެ.
ޑިޖިޓަލް ޓެކްނޮލޮޖީއަށް ދިވެހިން ފަރިތަވެފައި ތިބި މިންވަރަށް ބަލާއިރު ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރުމަކީ ހިދުމަތްދޭ ފަރާތްތަކަށްވެސް ވަރަށް ބޮޑު މަންފާއެއް ކުރާނެ ކަމެއް ކަަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެއީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓަކަށް ވާނެކަން ޔަގީން ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.