އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މޮބައިލް ތެރަޕިސްޓުންގެ އެހީ ހޯދައިދިނުމުގެ މަސައްކަތް ފަށައިފި

މަރިޔަމް ޝަހުދާ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މޮބައިލް ތެރަޕިސްޓުންގެ އެހީ ހޯދައިދިނުމުގެ މަސައްކަތް ފަށައިފި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އައިޝާ މިހެން ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ތެރަޕިސްޓުން ހޯއްދަވަމުން ގެންދަވާ ކަމަށާއި ފުރަތަމަ މިނިސްޓްރީން ބަލަމުން އަންނަނީ ސްޕީޗް ތެރަޕިސްޓުން، އޮކިއުޕޭޝަނަލް ތެރަޕިސްޓުން އަދި ބިހޭވިއަރަލް ތެރަޕިސްޓުން ހޯދުމަށް ކަމަށެވެ. އަދި މި ތެރަޕިސްޓުން ހިމެނޭ ޓީމެއް ލިބުމާއެކު މި ތިން ދާއިރާގެ ތެރަޕިސްޓުން މޯބައިލް ޓީމެއްގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސް ތެރަޕީ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މޮބައިލް ތެރަޕިސްޓުންގެ އިތުރުންވެސް ތެރަޕިސްޓުން ހޯދުމުގެ މަސައްކަތް އެޑިއުކޭޝަނުން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ޖެންޑާ އަދި ހެލްތޔ މިނިސްޓްރީއާ ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އައިޝާ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ތެރަޕީގެ އެހީ ހޯދުމަކީ ރާއްޖޭގައި ވަރަށް ދަތި ކަމެއްކަމަށެވެ. މިކަމާ ގުޅިގެން ސްކޫލް ބޭސްޑް ތެރަޕީއަކީ ތައާރަފު ކުރަން މަސައްކަތް ކުރަމުން އަންނަ ތެރަޕީއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތެރަޕިސްޓުން ހޯދުމުގެ މަސައްކަތުގެ އިތުރުން މި ޓާމުގައި އިންކްލޫސިވް އެޑިއުކޭޝަން ކޯޗުން ތަމްރީނިކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އިންކްލޫސިވް އެޑިއުކޭޝަން ކޯޗުން ތަމްރީނު ކުރީ އެކި ރަށްރަށަށް ގޮސް، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިން އަދި މުދައްރިސުންނާއި ބައްދަލު ކުރުމަށްފަހު އިތުރު އެހީ ބޭނުންވާކަން ފާހަގަވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު ތަމްރީނު ކޮށްފައިވާ 24 ކޯޗުން އެއިރެއްގައި އެންމެ އެހީ ބޭނުންވާ ރަށަކަށް ގޮސް އެއް ހަފުތާ ވަންދެން އެ ސްކޫލެއްގައި ތިބެގެން ސްކޫލުގެ މުދައްރިސުން ތަމްރީނު ކުރުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ތަމްރީނު ކުރި ކޯޗުން ބެލެނިވެރިންނާއި ދަރިވަރުންނަށްވެސް ޕްރޮގްރާމްތައް ހިންގާނެ ކަމަށާއި އެގޮތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.