މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

އީދާ ދިމާކޮށް ބަހުގެ ހިދުމަތަށް ހެޔޮ ބަދަލެއް

ފަތޯނާ ފާއިޒު

އަލްހާ އީދާ ދިމާކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)އާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)އިން ދޭ ބަހުގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ކުރިއަށް އޮތް ބޮޑު އީދުގައި ގިނަ ފަރާތްތަކުން އެކި ތަންތަނަށް ދަތުރު ކުރަން ބޭނުންވާނެތީ، އެމްޕީއެލް އާއި އެމްޓީސީސީން ދޭ ބަހުގެ ހިދުމަތުގެ ވަގުތުތައް އަވަސްކޮށް، ބަސް ދަތުރުތައް މިހާރު ވަނީ އިތުރުކޮށްފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއިން ރޭ ކުރި ޓްވީޓެއްގައި ބުނީ، އީދު ބަންދުގެ ދުވަސްތަކުގައި ކޮންމެ ތިރީސް މިނެޓަކުން މާލެއާ ހުޅުލެއާ ދެމެދު ބަސް ދަތުރުގެ ހިދުމަތް ދޭނެ ކަމަށެވެ. އަދި މާލޭގެ ތިން ބަސް ސްޓޮޕަށް ވެސް އެއާޕޯޓު ބަސް މަޑުކުރާނެ ކަމަށާއި، މުދަލާއި ފަސިންޖަރުން އަރުވާނެ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ހުޅުމާލޭގެ އެތެރޭގައާއި ހުޅުލެ އާއި ހުޅުމާލެއާ ދެމެދު އެމްޓީސީސީން ދޭ ބަހުގެ ހިދުމަތް ވެސް އީދު ބަންދުގައި އިތުރު ކުރަން ނިންމާފައިވާއިރު، ހުޅުމާލެ އާއި އެއާޕޯޓާ ދެމެދުގެ ބަސްދަތުރުތައް ޕީކް ގަޑިތަކުގައި އިތުރުކުރުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

މި ފަހަރުގެ އީދު ބަންދަށް ނުވަ ވަރަކަށް ދުވަސް ލިބޭތީ ގިނަ ބަޔަކު އަންނަނީ އާއިލާ އަދި ރައްޓެހީންނާ އެކު އެކި ތަންތަނަށް އީދު ޗުއްޓީއަށް ފުރަން ތައްޔާރުވަމުންނެވެ. އެ ގޮތުން މިއަދު ވެސް ގިނަ ބަޔަކު ވަނީ ފުރައިފަ އެވެ. އީދު ޗުއްޓީ ރައްޔިތުންނަށް ހެޔޮ ގޮތުގައި ބޭނުން ހިފި ސަރުކާރު މުވައްޒަފުންނަށް ފަސޭހަކުރުމަށް ޓަކައި މި މަހުގެ 15 ވާ ބުރާސްފަތި ދުވަސް ވެސް ސަރުކާރުން ވަނީ ބަންދުކުރަން ނިންމައިފަ އެވެ.