ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާ އެއްވެސް ބޭފުޅަކު، ގައުމުގެ މިނިވަންކަން ނަގާލައި، ލޭ އޮހޮރުވައިގެން ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހާ ގުޅިގެން ޗެނަލް13 ގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ ވެރިކަން ހޯދުމަށް މަސައްކަތް ކުރި ބައެއް ފަރާތްތަކުން އެމީހުން މާއްދީ އެދުން އިސްކޮށް، ގައުމުގައި ބޮޑެތި ލޭ އޮހޮރުވުންތައް ހިންގާފައިވާކަން ތާރީޚުން ފެންނަން އެބަހުރި ކަމަށެވެ.
އަދި ނޮވެންބަރު 3 ގެ އުދުވާނުގައި ހިނގައިދިޔަ ކަންތައްތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެދުވަހު ފެނިގެން ދިޔައީ އެބައިމީހުންގެ މާއްދީ ފައިދާއަށް ކަންކުރަން އުޅުނު ގޮތަށް ނުވުމުން ދެން ހިނގައިދިޔަ ކަންތައްތަކެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ނޮވެންބަރު 3 ގެ ހާދިސާ ހިނގައިދިޔަ ފަހުން މިއަދަށް 30 އަހަރު ފުރުނުއިރު ވެސް ގަދަ ބާރުން އަރައިގަނެގެން ވެރިކަން ނުކުރެވޭނެކަން ފެނިގެން ހިނގައްޖެ ކަމަށެވެ.
އަދި ވެރިކަމަށް ވަޑައިގަނެވޭނީ ރައްޔިތުންގެ ވޯޓަކުންކަން ކޮންމެ ފަހަރަކުވެސް ދައްކުވަައިދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއްވެސް ގައުމެއްގައި ގާނޫނީ ވެރިކަމެއް ވައްޓާލުމަކީ ހުއްޖަތަކަށް ވެގެން ނުވާނެއެވެ.
އަދި ރާއްޖެއަކީ ފެށުނީއްސުރެ އަމާންކަމާއި ސުލްހައަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެއް ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.