ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް އަދި ހައި ރެޕްރެޒެންޓޭޓިވް އޮފް ދަ ޔޫރަޕިއަން ޔޫނިއަން ފޮރ ފޮރިން އެފެއަރޒް އެންޑް ސެކިއުރިޓީ ޕޮލިސީ ފެޑެރިކާ މޮގެރިނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ފެޑެރިކާ ރާއްޖެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކައެވެ. އޭނާ ރާއްޖެ ވަޑައިގެންނެވުމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އަދި ފޮރިން ސެކްރެޓަރި އަބްދުލް ގަފޫރް މުހައްމަދު ވަނީ ފެޑްރިކާ އަށް އެއާޕޯޓުން މަރުހަބާ ދަންނަވައިފައެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ދަތުރުފުޅުގައި ފެޑެރިކާ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ފެޑެރިކާ އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މިނިސްޓަރު ޝާހިދު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް ހަމަޖައްސާފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.
މިއީ ޔޫރަޕިއަން ޔޫނިއަންގެ އެންމެ އިސް ސަފުގެ ބޭފުޅަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.