ގއ. ކޫއްޑޫ އިން ގެމަނަފުއްޓަށް 12 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ.
"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ގެމަނަފުށީ ކައުންސިލުގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވީ، އެ ހާދިސާ ހިނގީ މިރޭ 9:30 ހާއިރު ކަމަށެވެ.
"ލޯންޗު ފަހަތުން ފެން އަރައިގެން ލޯންޗު އަޑިއަށް ދިޔައީ. ފެންނަން ހުރީ މަތީ ބައި އެކަނި،" ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
ޝިޔާނު ވިދާޅުވީ އެ ހާދިސާ ހިނގިއިރު ލޯންޗުގައި ތިބި މީހުން ގެމަނަފުއްޓަށް ގެނައީ އެހެން ލޯންޗެއް އެ ސަރަހައްދަށް ފޮނުވައިގެން، މިރޭ 11:00ހާއިރު ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް، އަދި ލޯންޗުގައި ހުރި އެއްވެސް މުދަލަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެހެންނަމަވެސް ލޯންޗު އެއްކޮށް ކަހަލަ ގޮތަކަށް އަޑިއަށް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލޯންޗު އަޑިއަށްދިޔަ ހާދިސާގެ މައުލޫމާތު ފުލުހުންނާއި އެމްއެންޑީއެފްއަށް ރިޕޯޓް ކުރުމުން، އެފަރާތްތަކުގެ އެހީގައި މިހާރު ކުރަމުން އަންނަނީ ލޯންޗު ގެމަނަފުއްޓަށް ގެނައުމުގެ މަސައްކަތް ކަމަށްވެސް އެެރަށު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.