ޚަބަރު

އަޅުގަނޑާއި ފަަޔާޒްގެ މައްސަލަ ވެސް ސުޕްރީމް ކޯޓުން އަލުން ބަލަން ޖެހޭ: ފުއާދު ތައުފީގު

1

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގާއި، އެކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އަހުމަދު ފަޔާޒު މަގާމުން ދުރުކުރީ ގާނޫނާއި ޚިލާފަށް ކަމަށާއި އެކަން ސުޕްރީމް ކޯޓުން އަލަން ބަލަން ޖެހޭ ކަމަށް ފުވާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ފުވާދު މިހެން ވިދާޅުވީ ގާނޫނު އަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ކަންކަން ވެސް ބަލަން ޖެހޭނެ ކަމަށް ވިދާޅުވެ އޭނާ މިއަދު ކުރެއްވި ޓުވީޓަކާ ގުޅޭ ގޮތުން "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ފުއާދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ސުޕްރީމް ކޯޓުން ވަކި ކުރެވޭނެ އެއްވެސް ހަމައެއް ގާނޫނު އަސާސީގައި ވެސް އަދި ގާނޫނެއްގައި ވެސް ބަޔާންވެފައި ނެތް ކަމަށެވެ.

"އަޅުގަނޑާއި ފަޔާޒްގެ ޝަރުތު ހަމަނުވާ ކަމަށް ނިންމެވީ ސުޕްރީމް ކޯޓުން. އެކަމަކު ގާނޫނީ ގޮތުން ބަލާ އިރު އެކަން ކުރެއްވޭނީ ހަމަ އެކަނި ރައްޔިތުންގެ މަޖިލީހަށް. މަޖިލީހުން އެކަމެއް ނުކުރައްވާ. އަދި ފަހުން އެ ޓާމް ނިމެންދެން އަޅުގަނޑުމެން ދެމީހުންގެ ގޮނޑިއަށް ބޭފުޅުން ނުވެސް ހޮއްވަވާ." ލަންކާގައި ހުންނަވައިގެން ދެއްވި ފޯނު އިންޓަވިއުގައި ފުއާދު ވިދާޅުވި އެވެ.

ފުއާދު ތައުފީގާއި ކޮމިޝަންގެ ކުރީގެ ނާއިބު ފަޔާޒު މަގާމު ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސުޕްރީމް ކޯޓުގެ އަމުރުތަކަށް ކިޔަމަންވެ ވަޑައިނުގެން، އެކޯޓުގެ ނިންމުންތަކަށް ތަކުރާރުކޮށް ގޮންޖައްސަވައި ވާހަކަ ދެއްކެވި މައްސަލައިގައެވެ. އެ ދެބޭފުޅުން ގެ މެންބަރު ކަމުގެ ޝަރުތު ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ ނުވައެއް މާޗް 2014ގަ އެވެ.

އަދި އެހުކުމާ އެކު ހަމަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. ނަމަވެސް އެހުކުމް ތަންފީޒު ކުރުން ތިން އަހަރު ދުވަހަށް ފަސްކުރަން ވެސް ސްޕްރީމް ކޯޓުން އެންގިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟