ދިވެހިރައްޔިތުންގެ ޕާޓީ

ޑީއާރުޕީއާ ގުޅުމަށް ޔާމީން ފިޔަވައި ހުރިހާ ބޭފުޅުންނަށް ޖާބިރުގެ ދައުވަތު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިޔަވައި، އިދިކޮޅުގައި މިހާރު އޮތް ޕީޕީއެމް އާއި ޕީއެންސީގައި ތިއްބެވި މެންބަރުންގެ އަސްލު ޕާޓީ އަކީ ޑީއާރުޕީ ކަމަށާއި އެބޭފުޅުން އަލުން އަނބުރާ ޕާޓީއާ ގުޅިވަޑައިގަތުމަށް ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ޑީއާރުޕީގެ ލީޑަރު ކަމާ ހަވާލުވެވަޑައިގެން ފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވީ، ޕީޕީއެމް އާއި ޕީއެންސީގައި އުޅުއްވާ ބޭފުޅުންނަކީ ޑީއާރުޕީން ގޮސްގެން އުޅޭ ބޭފުޅުން ކަމަށެވެ.

ނަމަވެސް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަކީ ސިޔާސީ މީހެއްގެ ގޮތުގައި ބަލައިގަންނަ މީހެއް ނޫން ކަމުން ޑީއާރުޕީއަކުން އެމަނިކުފާނަށް ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަބްދުﷲ ޔާމީނާއި އެހެން އުޅުއްވާ ބޭފުޅުން އަޔަކަސް ބަލައެއް ނުގަންނާނަން ޑީއާރުޕީއަކަށް. ޑީއާރުޕީއަށް ބަލައިގަންނަ ކުލައިގެ ހުރިހާ ބޭފުޅުން ބަލައިގަންނާނަމޭ. ޑީއާރުޕީއަށް ވަކި މީހަކު ނުވަދެ ވަކިމީހަކު ވަނުމެއް ނެތޭ. އެކަމަކު އަބްދުﷲ ޔާމީނަކަށް ޑީއާރުޕީއަކުން ނެތޭ ޖާގައެއް،" ޖާބިރު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޖާބިރު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ، ރައީސް ޔާމީންގެ ހާލަތަށް ބަލާއިރު ޕީޕީއެމްއަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ބަލަންޖެހޭ ހައިސިއްޔަތެއް ވެސް ނެތް ކަމަށެވެ. އަދި މިދިޔަ އިންތިހާބުން ޔާމީން ފެއިލްވެއްޖެ ކަމަށާއި ކައުންސިލަރަކަށް ވެސް ނުހޮވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީއާއެކު ޑީއާރުޕީން ދުވަހަކު ވެސް ކޯލިޝަނެއް ނަހަދާނެ ކަމަށާއި އެއީ ހަޑިމުޑުދާރު ގޮތަކަށް ކަންތައް ވެފައިވާ އޮތް ޕާޓީއެއް ކަމަށެވެ.