ޖުޑީޝަލް ސާވިސް ކޮމިޝަން

ފަނޑިޔާރު ޝަހީދުގެ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައިފި

ހައި ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ފަނޑިޔާރު ޝަހީދުގެ މައްސަލައެއް ބެލުމަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައެވެ.

ފަނޑިޔާރު ޝަހީދުގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ބުނި ނަމަވެސް، އެ ކޮމިޝަނުން ބަލަން ނިންމީ އޭނާގެ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ފަނޑިޔާރު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައެވެ.

ޖޭއެސްސީގެ މިއަދު ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ކ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް މުހައްމަދު ރާޣިބާއި ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދުގެ މައްސަލަ ތަހުގީކޮށް، ކޮމިޓީން ހުށަހެޅި ތަހުގީގު ރިޕޯޓު ބަލައިގަތުމަށް ނިންމައިފައެވެ. އެ ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތައް އެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވާތީ، މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ވަނީ ނިންމައިފައެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، މަގާމުން ދުރުކުރުމަށް މަޖިލީހަށް ފޮނުވުމަށް ވެސް ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ ނިންމައިފައެވެ. އަބްދުﷲ ދީދީ މަގާމުން ދުރުކުރުމަށް މަޖިލީހަށް ހުށަހަޅަން ކޮމިޓީން ނިންމީ އޭނާއާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ބެލުމަށްފަހުއެވެ. އެގޮތަށް ނިންމީ މިދިޔަ މަހުގެ އަށްވަނަ ދުވަހުއެވެ. އޭގެ އިތުރުން ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން، މަޖިލީހުން ވަނީ އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ފާސްކޮށްފައެވެ.