ޖުޑީޝަލް ސާވިސް ކޮމިޝަން

މެޖިސްޓްރޭޓް އަދުނާނު ހުސެއިން ސަސްޕެންޑްކުރަން ނިންމައިފި

ފަތޯނާ ފާއިޒު

ރ.މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް ގާޒީ އަދުނާނު ހުސެއިން ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މިއަދު ބޭއްވި ޖަލްސާގައި ޖޭއެސްސީން އަދުނާނު ސަސްޕެންޑްކުރަން ނިންމާފައިވަނީ އޭނާއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެނެވެ.

އަދުނާނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން އަންނަނީ ޖިންސީ ގޯނާގެ މައްސަލައެކެވެ. އަދުނާންގެ މައްޗަށް ތުހުމަތުކުރަނީ މާކުރަތު ކޯޓުގެ މުވައްޒަފުންގެ ތެރެއިން ދެ އަންހެނަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް، އަދި ޖިންސީ ފުރައްސާރަ ކުރި މައްސަލައެވެ. އެ މައްސަލަ ބަލަން ޖޭއެސްސީން ނިންމީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.

އަދި ލ.މާމެންދޫ ކޯޓުގެ އިސް ގާޒީ އަލީ ޝަރީފުގެ ހާޒިރީގެ މައްސަލަ އުޅޭތީ އެކަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެންގުމަށްވެސް ޖޭއެސްސީން މިއަދު ވަނީ ނިންމާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރު ހުސައިން ޝަހީދުއާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. ޝަހީދުއާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާއެއް ބެލުމަށް ނިންމާފައިވަނީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ. އެކަމާ ގުޅޭ ތަފްސީލެއް އެ ކޮމިޝަނުން ނުދެއެވެ.

ޖުޑިޝަރީ އިސްލާހުކުރުމަށްޓަކައި ޖޭއެސްސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވަރަށް ފަހުންވެސް ވަނީ ބައެއް ފަނޑިޔާރުން ސަސްޕެންޑް ކޮށްފައެވެ. އެގޮތުން، ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ހަސަން ދީދީއާ ގުޅޭގޮތުން، އެ ކޮމިޝަނުން ބަލަމުން އަންނަ ޝަކުވާގެ ތަހުގީގު ވަކިގޮތަކަށް ނިމެންދެން ވަޒީފާއަށް ނުނުކުމެ މަޑުކުރުމަށް، އޭނާއަށް އެންގުމަށް ޖޭއެސްސީން މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ނިންމައިފައެވެ.