ޖުޑީޝަލް ސާވިސް ކޮމިޝަން

އިތުރު ދެ ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހަޅަނީ

ދެ ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ ސާބިތުވެ، އެ ދެ ފަނޑިޔާރުން މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ކޮމިޓީން ނިންމައިފިއެވެ.

ފަނޑިޔާރުކަމުގެ މަގާމުން ދުރުކުރުމަށް މަޖިލީހަށް ހުށަހަޅަން ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ނިންމާފައިވާ ދެ ފަނޑިޔާރުންނަކީ ކ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް މުހައްމަދު ރާޣިބާއި ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، މަގާމުން ދުރުކުރުމަށް މަޖިލީހަށް ފޮނުވުމަށް ވެސް ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ ނިންމައިފައެވެ. އަބްދުﷲ ދީދީ މަގާމުން ދުރުކުރުމަށް މަޖިލީހަށް ހުށަހަޅަން ކޮމިޓީން ނިންމީ އޭނާއާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ބެލުމަށްފަހުއެވެ. އެގޮތަށް ނިންމީ މިދިޔަ މަހުގެ އަށްވަނަ ދުވަހުއެވެ. އޭގެ އިތުރުން ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވުމުން، މަޖިލީހުން ވަނީ އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ފާސްކޮށްފައެވެ.

ޖޭއެސްސީން ބުނީ އެ ދެމީހުންނާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތައް ބެލުމަށްފަހު، އެކުލަވާލި ތަހުގީގު ރިޕޯޓު ބަލައިގަތުމަށް، އެ ކޮމިޝަނުން މިއަދު ބޭއްވި ޖަލްސާގައި ނިންމާފައިވާ ކަމަށެވެ. އަދި އެ ދެމީހުންނާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް، އެދެމީހުންގެ މައްޗަށް ސާބިތުވާތީ، މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީގެ ތަހުގީގު ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

އަދި ގާނޫނުގައިވާ ގޮތުގެ މަތިން، އެ ދެ ފަނޑިޔާރުން ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށްވެސް ޖޭއެސްސީގެ މިއަދުގެ ޖަލްސާގައި ވަނީ ނިންމާފައެވެ.

ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތުގެ ތެރެއިން ޖޭއެސްސީން އަންނަނީ ފަނޑިޔާރުންގެ ގިނަ މައްސަލަތަކެއް ބަލަމުންނެވެ.