ދިވެހިރައްޔިތުންގެ ޕާޓީ

އިދިކޮޅުގައި އޮތީ ޑީއާރުޕީ އެކަނި، އަމާޒަކީ 80،000 މެންބަރުން: ޖާބިރު

ރާއްޖޭގައި މިވަގުތު އޮތް ހަމައެކަނި އިދިކޮޅު ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ކަމަށާއި އަމާޒަކީ 80،000 މެންބަރުންގެ ޕާޓީއަކަށް ޑީއާރުޕީ ހެދުން ކަމަށް އެޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޑީއާރުޕީގެ ލީޑަރު ކަމާ ހަވާލުވެވަޑައިގެންފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވީ، ޑީއާރުޕީއަކީ އިދިކޮޅުގައި އޮތް ހަމައެކަނި ޕާޓީ ކަމަށެވެ.

އެގޮތުން ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންގެ ހާލަތަށް ބަލާއިރު އެޕާޓީއަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ބަލަންޖެހޭ ހައިސިއްޔަތެއް ނެތް ކަމަށާއި ދެން އޮތް ޕީއެންސީއަކީ ވެސް ޕީޕީއެމްގެ ބެލުމުގެ ދަށުން ހިންގާ ސިސްޓާ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ޑީއާރުޕީ ވަރަށް އަވަހަށް ތަމްސީލު ވެގެން ދާނެ ކަމަށާއި ރައްޔިތުން މަޖިލީހުގެ އިތުރު މެންބަރުންތަކެއް ވެސް ޑީއާރުޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑާ ލައިގެން ހަތް ވަރަކަށް މެންބަރުން ޑީއާރުޕީއާއެކު މަސައްކަތް ކުރައްވަން ބޭނުންވޭ. އެ ބޭފުޅުންނަށް މަރުހަބާ ދަންނަވަން. މަޖިލީހުގައި ޑީއާރުޕީއަކީ މައިނޯރަޓީ ޕާޓީއަށް ވެސް ވެގެންދާނެ،" 2014 ވަނަ އަހަރު ޑީއާރުޕީ އުފެދުނު އިސް ދައުރެއް އަދާކުރެއްވި ޖާބިރު ވިދާޅުވިއެވެ.

ޑީއާރުޕީއާ ހަވާލުވިއިރު ޕާޓީ އޮތީ ކޯމާއެއްގައިކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ، އޭނާ އެޕާޓީއާ ހަވާލުވެ ޕާޓީގެ ހިންގުން ފަށައިގެންފައިމިވަނީ ޑީއާރުޕީ އަށާއި ގައުމަށް ނުހަނު ބޭނުންވެފައިވާ ވަގުތެއްގައި ކަމަށެވެ.

"....ދެން އަޅުގަނޑު މިކަމުގައި ނުހުއްޓާނަން. އަޅުގަނޑު ދާގޮތަށް ގޮސް އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު ރާއްޖޭގެ އިންތިހާބަށް ޑީއާރުޕީން ބޭފުޅަކު ނެރޭނަން. އެއީ ކޮންބޭފުޅެއްތޯ ނިންމާނަން އިއްޒަތްތެރި ލޮބުވެތި މެންބަރުން. ޑީއާރުޕީއަށް 80،000 މެންބަރުންނަށް ޓާގެޓް މިކުރަނީ،" ޖާބިރު ވިދާޅުވިއެވެ.

ޑީއާރުޕީގެ ފަރާތުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެޕާޓީގެ ލީޑާޝިޕާ ޖާބިރު ހަވާލުވެވަޑައިގެން މެންބަރުން އިތުރު ކުރުމުގެ ޕްރޮގްރާމްތަކެއް އަންނަނީ ހިންގަމުންނެވެ.

އަދި ޑީއާރުޕީއަށް 3000 މެންބަރުން ހަމަވެފައިވާކަން މިއަދު އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ އެޕާޓީއަށް އަންގައިފައެވެ.