ޝަހީދާ އަބްދުﷲ ސައީދު
މާލެ ސަރަހައްދުގައި ދަތުރުކުރާ ބައެއް ޓެކްސީތަކުން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފައިވާ އަގަށްވުރެ އިތުރަށް ފައިސާ ނަގާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދުގައި ޓެކްސީ ފެއާ ޖެއްސުމާ ގުޅިގެން ޓެކްސީ ދުއްވާ ފަރާތްތަކުން މިނިސްޓްރީން ހަމަޖައްސާފައިވާ އަގަށްވުރެ ބޮޑު އަގެއް ނަގަމުންދާކަމުގެ ޝަކުވާ ގިނަ އަދަދަކަށް ލިބެމުންދާ ކަމަށެވެ.
އެހެންކަމުން މިދިޔަ މަހުގެ 31ގައި އެ މިނިސްޓްރީން ކަނޑައެޅި އަގަށް މާލެ ސަރަހައްދުގައި ޓެކްސީކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގު ނަގާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށް އިއުލާނުގައި ވެއެވެ.
މީގެއިތުރުން ޝަކުވާ ހުށަހެޅުމަށް ފުލުހުންގެ ވައިބާ ނަމްބަރު 9926091، އަދި ވަޓްސްއަޕް ނަމްބަރު 9888999 އަށް މައުލޫމާތު ފޮނުވުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.
އެގޮތުން ދަތުރުގެ ތަފްސީލާއެކު އުޅަނދުގެ މައުލޫމާތާއި ފަސިންޖަރުގެ މައުލޫމާތާއި ނަމާއި އެޑްރެސް އަދި އައިޑީކާޑުގެ ނަމްބަރު ފޮނުވުމަށް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރި ގަވައިދުގައިވާ ގޮތުން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނެގޭނީ، މާލެއިން ހުޅުލެއަށް އަދި ހުޅުލެއިން މާލެއަށް ކުރާ ދަތުރެއްގެ އަގު 60ރ. އަށް، އަދި ހުޅުމާލެއިން ހުޅުލެއަށް ނުވަތަ ހުޅުލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 60 ރުފިޔާއެވެ.
އަދި މާލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކާއި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 75 ރުފިޔާއެވެ. މާލެތެރޭގައި ދަތުރަކަށް ނެގޭނީ 25 ރުފިޔާއެވެ. އަދި މީގެކުރިން ޑިކީއަށް އެއްޗެއްލާނަމަ އިތުރަށް ފަސް ރުފިޔާ ނެގި ނަމަވެސް އާ ގަވައިދުގެ ދަށުން ޑިކީއަށް ލާއެއްޗަކަށް އެއްވެސް އަގެއް ނުނެގޭނެއެވެ.
މިއަދު މިގަވައިދަށް އަމަލުކުރަން ފެށިއިރު، ބޮޑު އަގުގައި ޓެކްސީކުރާ ފަރާތްތައް ހޯދުމަށް ފުލުހުން އިއްޔެ ވަނީ އޮޕަރޭޝަނެއް ފަށައިފައެވެ.